މާލޭގެ ގެއެއްގެ ހަތަރު ވަނަ ފަންގިފިލައިގެ ވައިގޮޅިން ވެއްޓުނު އުމުރުން ދުވަސްވީ އަންހެން މީހާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު އަބްދުލް މުމީތު ދާދި ދެންމެ ވިދާޅުވީ އަންހެންމީހާ ނިޔާވީ އިމަޖެންސީގައި ފަރުވާ ދެމުންދަނިކޮށް، މިއަދު 1:30 ގައި ކަމަށެވެ.
މުމީތު ވިދާޅުވީ އަންހެންމީހާގެ ފައިގައި ރެނދުލައި، އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށާއި އަދި ބޮލަށްވެސް ގެއްލުންތަކެއް ވެފައިވާކަމަށެވެ.
ފުލުހުންގެ މީޑިއާއިން ބުނީ މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށެވެ.
އުމުރުން 76 އަހަރުގެ ދިވެހި އަންހެން މީހާ ވައިގޮޅީން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުން ކަމަށް ވެސް ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، މި ހާދިސާގައި އެ މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސް، ކަނާތު ފައި ފަލަމަސްގަނޑާ ހަމައިން ބިންދައިގެން ގޮސް ވާތު ފައިގެ ކުޑަހުޅު ވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.