ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ހަތަރު މަސް ބޯޓުގައި ޖުމްލަ 27 މީހުން އެބަތިބި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ވ. ފުލިދޫގެ 140 މޭލު ބޭރުން އަތުލައިގެން މަސްބޯޓުތަކާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހަވީރު ހުޅުމާލޭ ފަޅަށް ގެނައި ހަތަރު މަސް ބޯޓަކީ ލަންކާގެ ހަތަރު ބޯޓު ކަމަށެވެ.
އޭގެ ތެރެއިން އެއް ބޯޓުގައި ހަ މީހުން ތިބި އިރު، އަނެއް ތިން ބޯޓުގައި ވެސް ކޮންމެ ބޯޓެއްގައި ހަތް މީހުން ތިބި ކަމަށެވެ. އަދި އެމީހުން އަތުލައިގަތީ މަސް ބާނަމުން ދަނިކޮށް ނޫންކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ މަސްވެރިކަން ކޮށްފައި ހުރިކަމުގެ ނިޝާންތައް ވަރަށް ބޮޑަށް ފެންނަން ހުރި އިރު، ކޮންމެ ބޯޓެއްގައި ދެ ޓަނުގެ މަސް ބާނާފައި ހުރި ކަމަށެވެ.
ސަލީމް ވިދާޅުވީ ހަތަރު ބޯޓުވެސް ފެނިފައިވަނީ ފުލިދޫގެ 140 ނޯޓިކަލް ބޭރުން ކަމަށާއި އެބޯޓްތައް ހަރަކާތްތެރިވާތަން ފެނުނީ އިންޑިއާގެ ކޯސްޓްގާޑުގެ ޑޯނިއާ އަކަށް ކަމަށެވެ.
އަދި މިއީ ރާއްޖެއާއި އިންޑިއާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގެ ތެރެއިން ޑޯނިއާ ބޭނުންކޮށްގެން ފުރަތަމަ ހިފެހެއްޓި ބޯޓުތައް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޯޓް ފަހަރުގައި ހުރި އާލާތްތަކަށް ބަލާއިރު ލޯންގްލައިން މަސްވެރިކަން އެމީހުން ކޮށްފައިވާކަން އެނގެން ހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވި ގޮތުގައި ޖޮއިންޓް އޮޕަރޭޝަންތަކުގެ އިތުރުން ރާއްޖޭގެ މަސްވެރިން ދޭ މައުލޫމާތުތަކާ ގުޅިގެން އެފަދަ އޮޕަރޭޝަންތައް އެކި ސަރަހައްދުތަކަށް ބަދަލުކުރާނެ އެވެ.
މީގެއިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތައް ބެލެހެއްޓުމަށް ޑޯނިއާ ބޭނުންކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ބޯޓްތައް ދިވެހި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.