ރާއްޖޭގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ހަތަރު މަސް ބޯޓު އެމްއެންޑީއެފުގެ ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް ހަތަރު މަސްބޯޓު، ކޯސްޓްގާޑު ޝިޕް، ޝަހީދު އަލީގެ ބެލުމުގެ ދަށުން މާލެއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
މަސް ބޯޓުތައް އަތުލައިގެންފައި ވަނީ، ވ. ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މަސްބޯޓުތައް ހުޅުމާލޭ ފެރީ ޓާމިނަލުގެ އުތުރުފަރާތު ޖެޓީއަށް ފޯރާނީ މިއަދު ހަވީރު ފަހެއް ޖަހާއިރު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓު ފަހަރު އަތުލައިގަތުމަކީ އާންމު ކަމެކެވެ.
ހަތަރު މަސް ބޯޓެއް މިއަދު އަތުލައިގެންފައިވާއިރު، އިއްޔެ ވަނީ ރާއްޖޭން ބޭރުގެ މަސްބޯޓްތަކުން ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރުން މަނާކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.