އެމްއެމްއޭ

ހިޔާނަތުގެ މައްސަލަތައް ފުލުހުންނަށް ހުށައެޅުމަށް ގަވަރުނަރު ހުރަސްއެޅިކަމަށް ބުނެ މަޖިލީހަށް ހުށަހަޅައިފި

އެމްއެމްއޭގެ ތެރޭގައި ހިނގާފައިވާކަމަށް ބުނާ މަނީލޯންޑާ ކުރުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރަން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ހުރަސް އެޅުއްވި ކަމަށްބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަހްމަދު އަޝްރަފް ސިޓީއަކުން އެ ކޮމިޓީއަށް ހުށަހަޅާފައިވާ އެ މައްސަލައިގައި، މަނީ ލޯންޑާ ހުއްޓުވަން ކުރިމަސައްކަތަށް ގަވަރުނަރު ނުފޫޒު ފޯރުވިކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އެފްއައިޔޫ އަކީ އެމްއެމްއޭގެ ހިޔާނާތް ހުއްޓުވުމަށް، ގާނޫނަކުން އުފައްދާފައިވާ މިނިވަން ޔުނިޓެކެވެ. އަދި ގާނޫނުގައި ބުނެފައިވާގޮތުގައި، އެފްއައިޔޫ އަށް ގަވަރުނަރަށް އެއްްވެސް ބާރެއް ނުފޫޒެއްވެސް ނުފޯރުވޭނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލަތައް އެފްއައިޔޫން ފުލުހުންނަށް ރިޕޯޓް ކުރުން ގަވަރުނަރު ހުއްޓުވިކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަޝްރަފުގެ ސިޓީގައި ބުނެފައި ވަނީ، އޭނާ މަގާމުން ވަކިކުރީ ވެސް ގަވަރުނަރަށް ލިބިގެންވާ އިހުތިޔާރުތަކާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެންކަމަށް ވަނީ ވިދާޅުވެފައެވެ.

އަޝްރަފްގެ ސިޓީގައި މި މައްސަލަތަކުގައި އެމްއެމްއޭގެ ގަވަރުނަރާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.