ޝަހީދާ އަބްދުﷲ ސައީދު
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް ނާންގާ، ކޯޓު އަމުރަކަށް އެދެންޖެހުނު ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާޔަން މިހެން ވިދާޅުވީ، ޕީއެސްއެމްއާ ގުޅޭ ހިޔާނާތުގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާއިރު، އެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް އޭސީސީން މަޖިލީހުގެ ކޮމެޓީގައި ބުނުމާ ގުޅިގެންނެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޝާޔަން މިރޭ ވިދާޅުވީ، އޭސީސީން ބަލަމުންދާ މައްސަލައަކަށް އެއްބާރުލުން ނުދޭކަމަށް ބުނި ނަމަވެސް އެކޮމިޝަނަށް މިހާތަނަށް ހާޒިރުކޮށްފައި ނުވާކަމަށެވެ.
އަދި މިއަހަރުގެ އޭޕްރީލް މަހު އޭސީސީން އޭނާއަށް ގުޅިފަހުން މިހާތަނަށްވެސް ގުޅާފައި ނުވާކަމަށް ޝާޔަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފޯނަށް ނުގުޅޭނީ އޭނާ ރާއްޖޭގައި ނެތް ދުވަސްތަކުގައި ކަމަށެވެ. ނަމަވެސް އޭނާ ހޯދަން އުޅޭކަމުގެ މައުލޫމާތު މީޑިއާގެ ވަސީލަތްތަކުން އެނގިވަޑައިގަތުމުން މިއަދު އޭސީސީއަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އޭސީސީއަށް ގުޅުމުން ފަހުން ގުޅާނެ ވާހަކަވެސް ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެެ.
ޝާޔަން ވިދާޅުވީ އޭސީސީން އޭނާއަށް ކުރަނީ ކޮން ތުހުމަތެއްކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ސަރުކާރުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
''އަޅުގަނޑަކީ ފިލައިގެން އުޅޭ މީހެއް ނޫން. ހުރިހާ މުއައްސަސާއަކަށް އެއްބާރުލުން ދޭނަން އަބަދުވެސް. އަޅުގަނޑު ހޯދަން އޭސީސީން މަސައްކަތް ކުރާކަމެއް އަޅުގަނޑަކަށް އެނގިފައެއްނެތް. މީޑިއާއިން މިއަދު އެނގުނީ އަޅުގަނޑު ނުފެނިގެން ކޯޓު އަމުރަކަށް އެދެން ޖެހިގެން އުޅޭކަން. ކޯޓު އަމުރު ހޯދަން ޖެހޭ އެއްވެސް ސަބަބެއްނެތް. އަދި މިހާތަނަށް އޭސީސީއަށް އަޅުގަނޑު ހާޒިރުކޮށްފައެއްވެސް ނެތް، އެންމެ ފަހުން އޭޕްރީލްގައި ގުޅިފަހުން ނުގުޅާ.'' ޝާޔަން ވިދާޅުވިއެވެ.
ޝާޔަން ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އޭނާ މަސައްކަތް ކުރެއްވީ އޭނާގެ ވެރިން އަންގަވައި ގޮތެއްގެ މަތިން ކަމަށެވެ.
ޕީއެސްއެމްގެ މިހާރުގެ މެނޭޖްމެންޓުން ހުށަހަޅައިގެން އެ ކުންފުނީގެ މައްސަލަތަކެއް އޭސީސީއިން ބަލަމުންދާއިރު އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ބޭއްވިއިރު ހިޔާނާތް ހިންގާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އެ ޕްރޮޖެކްޓްގެ ހެޑަކީ ޝާޔަންއެވެ.