ޝަހީދާ އަބްދުﷲ ސައީދު
ޝަރުއީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށް މަސައްކަތްކުރާ ގޮތަށް، މާލީ ދާއިރާއާ ގުޅުންހުރި އިސްލާހުތަކަށްވެސް ހާއްސަ އިސްކަމެއް ދެއްވުމަށް ގަވަރުނަރު އަހުމަދު ނަސީރު ގޮވައިލައްވައިފިއެވެ.
އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އެމްއެމްއޭ އަކީ ރައްޔިތުން އިތުބާރުކުރާ، އަދި ނަޒާހަތްތެރި މުއައްސަސާއެއްގެ ގޮތުގައި އޮންނަން ޖެހޭ އިދާރާއެއް ކަމަށެވެ.
އެގޮތުން، އޮތޯރިޓީގެ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާއި ރައްޔިތުންގެ އިތުބާރު ވަރުގަދަކުރުމަށްޓަކައި އަޅަންޖެހޭ ވަރަށް ގިނަ ފިޔަވަޅުތައް މިހާރު އަޅަމުން އަންނަ ކަމަށް ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ 21 ވަނަ ގަރުނުގައި ބަވަނަވަމުންދާ ދުނިޔޭގައި މާލީ ދާއިރާއަށް އަންނަ ތަރައްގީއަށް އަހުލުވެރިވުމަށް އެމްއެމްއޭއިން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަދި އެމްއެމްއޭގެ ޒަމާނީ ވިސްނުން ހުރީ ޑިޖިޓަލް ކަރަންސީއާ ދިމާލަށް ކަމަށާއި އެހެންކަމުން އެމްއެމްއޭގެ ވެސް އަމާޒަކީ ޓެކްނޮލަޖީ ގޮތުން ކުރިއެރުންތައް ހޯދާ އިންގީލާބީ އަދި އީޖާދީ ބަދަލުތައް އެދާއިރާއަށް ގެނައުން ކަމަށް ނަސީރު ވިދާޅުވިއެވެ.
އެހެންކަމުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެއް މަޝްރޫއަކީ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކަމަށާއި އެ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާނުވެ އެންމެ ޒަމާނީ ފެންވަރުގައި ޑިޖިޓަލްކޮށް ބޭނުންކުރުމުގެ މަގު ފަހި ވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ޕްރޮޖެކްޓް އަންނަ އަހަރުގެ ތެރޭގައި ނިންމައި، މި ލުއިފަސޭހަތައް ރައްޔިތުންނަށް ލިބިގެންދިއުމަކީ އަމާޒެއް ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން ނަސީރު ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖޭގެ މާލީ ދާއިރާ އޮތީ ވަރަށް ހަރުދަނާކޮށް ކަމަށާއި އެގޮތުން ބޭންކިން އަދި އެނޫންވެސް ދާއިރާތަކުގެ ފައިނޭންޝިންގް ރޭޝިއޯތަކާއި އެސެޓްސްތަކުގެ ފެންވަރު ރަނގަޅުވެ، އަދި ރައުސްމާލުގެ ފުއްދުންތެރިކަން ވަރުގަދަކުރެވިފައިވާ ކަމަށެވެ.
މި މިންގަނޑު ހުރީ ޖުމްލަ އެސެޓްސްގެ ނިސްބަތުން ރައުސްމާލު މަދުވެގެން ހުންނަންޖެހޭ ކަމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ މިންވަރަށްވުރެވެސް މަތީގައި ހިފެހެއްޓިފައި ކަމަށް ގަވަރުނަރު ނަސީރު ވިދާޅުވިއެވެ.
އެގޮތުން 2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 712 މިލިއަން ޑޮލަރު ހުރި ކަމަށާއި މި އަދަދަކީ އޭގެ ކުރީ އަަހަރާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.