ޝަހީދާ އަބްދުﷲ ސައީދު
މިއަހަރު ރާއްޖެއިން ހައްޖަށް ގެންދިއުމަށްޓަކައި ސައުދީ އަރަބިއްޔާއިން މިމަހު ދިން އިތުރު 1000 ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ނެގުމަށްފަހު 500 ކޯޓާ ކުންފުނިތަކަށް ބަހާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ކޯޓާ ބެހުމުގައި އަމަލުކޮށްފައިވާނީ ހައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގެ ދިހަވަނަ މާއްދާއަށް ކަމަށެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނަށް އެންމެ ގިނަވެގެން ގެންދެވޭނީ ކިތައް މީހުންތޯ ބެލުމަށްފަހު އެކޯޕަރޭޝަނަށް 500 ކޯޓާ ދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި އިތުރު 500 ކޯޓާ ބެހިއިރު، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑަށް 140 ކޯޓާ، އަލް ހައްޖު އެންޑް އުމްރާ ގްރޫޕަށް 71 ކޯޓާ، އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑަށް 10 ކޯޓާ، އަދި ބާކީ 279 ކޯޓާ މިނާ ހައްޖު އުމްރާ ގްރޫޕަށް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަދި ބައެއް ކުންފުނިތަކަށް އިތުރަށް ކޯޓާ ދިނުމަށް ކުރިން އެދުނު ނަމަވެސް ވަގުތު ކުޑަތަންވެފައި އޮތުމުން ބައެއް ކުންފުނިތަކުން އިތުރަށް ކޯޓާ ހޯދުމަށް އުޒުވެރިވި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިހާރު ވަގުތުތައް އޮތްގޮތުން އިންތިޒާމުތައް ހަމަޖައްސަން އުނދަގޫވާތީ ޒައީމާ ހައްޖު ގްރޫޕުން ކޯޓާ ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށެވެ. ހައްޖު ކޯޕަރޭޝަނަށް ލިބިފައިވާ 500 ކޯޓާގެ ޖާގައަށް ކުރިމަތިލުމަށް އެ ކޯޕަރޭޝަނުން މިއަދު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންއަށާއި އަމިއްލަ ފަސް ޖަމާއަތަކަށެވެ.