މުހައްމަދު އައުޒަމް
ވިމް "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019" ޕާޓްނަރުންނާއެކީ ސޮއިކޮށްފިއެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް، "ވިމް" އިން މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފައިވާ ''ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019''ގެ ޕާޓްނަރުންނާއެކީ ސޮއި ކުރުމަށް ޕަބްލިކް ސާވިސް މީޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައި ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ވިމްގެ ރައީސާ މިންހާ ފާއިޒް ރަޝާދެވެ.
''ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019''ގެ ޕާޓްނަރުންގެ ގޮތުގައި ސޮއި ކޮށްފައިވަނީ ބްރޯޑްކާސްޓިން ޕާޓްނަރުގެ ގޮތުގައި ޕީއެސްއެމް، ޕްރިންޓިންގ ޕާޓްނަރުގެ ގޮތުގައި ޕްރިންޓް ލެބް އެވެ. އަދި މިއަހަރުގެ އެވޯޑުގެ އިވެންޓް އޯގަނައިޒިން ޕާޓްނަރުގެ ގޮތުގައި ލިކަމެކް ވަނީ ހަމަޖައްސާފައެވެ.
މިފަހަރުގެ އެވޯޑުގެ ގޯލްޑް ސްޕޮންސަރު ކަމުގައިވާ ސަޕަޔާ އާ އެކުވެސް މި ހަފުލާގައި ވަނީ ސޮއި ކޮށްފައެވެ.
ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިމްގެ ޕްރެޒިޑެންޓް މިންހާ ފާއިޒް ވިދާޅުވީ މި އެވޯޑަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ. އަދި މި އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އިނާމެއް ކަމަށް ވެސް މިންހާ ވިދާޅުވިއެވެ.
މިއަހަރުގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވައިލުމުން ޖުމްލަ 75 އަށް ވުރެ ގިނަފަރާތަކުން ވަނީ އެވޯޑަށް ކުރިމަތިލައިފައެވެ. ''ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019''ގެ ޖަޖިންގ ޕެނަލްގައި މިއަހަރު ހިމެނެނީ ރާއްޖޭގެ ދެ ޖަޖުންގެ އިތުރުން ލަންކާގެ ތިން ޖަޖުންނެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް "ވިމް" އިން ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް ރާއްޖޭގައި ބާއްވާ މިއީ ދެވަނަ އަހަރެވެ.
ވިމް އަކީ ގްލޯބަލް ވުމަން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮތްޕެވެ. ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންގެ ހުނަރު ތަރައްގީކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ބަޔަކަށް ހެދުމަށް ވިމްއިން މަސައްކަތް ކުރެއެވެ.
ވަން އޮންލައިން އަކީ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.