ކޯސްޓްގާޑު ބިލްޑިންގް ތަޅާލައި، ބިންސާފުކޮށްދޭނެ ބަޔަކުހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ ހަތަރު ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ މިކަމުގެ ބީލަމުގައި ބައިވެރިވުމަށް ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
އަދި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 ރުފިޔާ ހުޅަހަޅަންޖެހޭ އިރު ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އަދި ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން 24 ޖުލައިގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީން ކަމަށް ބުނެފައިވެއެވެ. އަދި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މާދަމާއިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށް ބުނެފައިވެއެވެ.
އިއުލާންގައިވާގޮތުން މިމަސައްކަތުގެ ބީލަންތައް ހުޅުވުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގައެވެ.
ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށްފައި ކަމަށާއި ބީލަމުގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެ ކަމަށްވެސް އިއުލާންގައިވެއެވެ.