ގައުމަށް ދިމާވާ ނުރައްކާތަކުން ސަލާމަތް ވުމަށް އެކި ގައުމުތަކުގެ އެހީ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ރާއްްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، ސްޓްރެޓިޖިކް ނިއުސް ޗެނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ، ރާއްޖެ އޮންނަނީ ވަރަށް ބޮޑަށް ބޭރުގެ އެކިއެކި ގައުމުތަކަށް ބަރޯސާވެފައި ކަމަށެވެ. އެކި ކަންކަމުގައި ގައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރަން ޖެހޭ ކަމަަށާއި، ވަކިވެގަނެގެން ތިބުމަކީ ރާއްޖޭން ކުރާނެ ކަމެއް ނޫން ކަމަށެވެ.
ޗައިނާގެ އަަސްކަރީ ބޭހެއް ރާއްޖޭގައި އޮތުމާބެހޭގޮތުން ދެންނެވި ސުވާލަމަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވީ، ޗައިނާ އަކީ އިގުތިސޯދީގޮތުން ކިތަންމެ ވަރުގަދަ ގައުމަކަށްވިޔަސްް އެގައުމުގެ އަސްކަރިއްޔާއެއް ރާއްޖޭގައި ގާއިމުވެފައި ނެތް ކަމަށެވެ.
ނަމަވެސް ރާއްޖެ އާއި އަވައްޓެރި ސްރީ ލަންކާ އިން ޗައިނާއާ އެކު ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައިވާކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ.
އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި، ޝަމާލް އިއްޔެ ވަނީ އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) ގައި ތަގުރީރު ކުރައްވައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ގެ މި ތަގުރީރުގައި ކުދި ގައުމުތަކުގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ މައުލޫއަށް ވާހަކަ ދެއްކެވިއެވެ. މި ތަގުރީރަށްފަހު ބައިވެރިންގެ ސުވާލާއި ޖަވާބު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.