ބާ ކައުންސިލް

ބާ ކައުންސިލްގެ އިންތިހާބުގައި މާލޭގައި ދެ ވޯޓު ފޮށި އަދި އައްޑޫގައި ވޯޓު ފޮއްޓެއް

މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ބާ ކައުންސިލްގެ އިންތިހާބުގައި މާލޭ ސިޓީގައި ދެ ވޯޓު ފޮށި އަދި އައްޑޫ ސިޓީގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ އިންތިހާބުގައި މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ މުއްދަތާއި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ.

އީސީން ކުރިން ބުނެފައިވާ ގޮތުގައި ވޯޓު ފޮށިތައް ބަހައްޓާނީ އެ ރަށަކަށް ވޯޓުލާން ރަޖިސްޓަރީ ވެފައިވާ އަދަދަށް ބަލައިފައެވެ. އެގޮތުން ފަސް މީހުންނަށް ވުރެ ގިނައިން އެ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ނަމަ، އެ ރަށެއްގައި ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް ބުނެފައިވެއެވެ.

މާލޭ ސިޓީގައި ބަހައްޓާ ދެ ވޯޓު ފޮށިވެސް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ. މާލޭގައި ބަހައްޓާ އެއް ނަމްބަރު ފޮއްޓަށް ވޯޓު ލެވޭނީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ ހއ، ހދ، ނ، ރ، ބ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ އަތޮޅު އަދި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ގާނޫނީ ވަކީލުންނަށެވެ. އަދި މާލޭގައި ބަހައްޓާ ދެ ނަމްބަރު ފޮއްޓަށް ވޯޓު ލެވޭނީ ގދ އަތޮޅާއި އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައި ނުވާ ގާނޫނީ ވަކީލުންނަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓު ލެވޭނީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ، އެ ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ގާނޫނީ ވަކީލުންނަށެވެ. އެ ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޝަރަފުއްދީން ސްކޫލްގައެވެ.

ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވި އިރު، ރައީސްކަމަށް ދެ ބޭފުޅަކު އަދި ނައިބު ރައީސްކަމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައިފައެވެ. އޭގެ އިތުރުން މެމްބަރުކަމަށް 19 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އީސީން މައުލޫމާތުދެއެވެ. އެ އިންތިހާބުކުރާ ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައި އީސީގެ އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ.

ބާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެކަން މީގެ ކުރިން ދެ ބޭފުޅަކު ވަނީ އިއުލާންވެސް ކޮށްފައެވެ. އެ ދެ ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދާއި މަޝްހޫރު ގާނޫނީ ވަކީލް މައުމޫނު ހަމީދެވެ. ނަމަވެސް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކެއް އީސީން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާގޮތުން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރާނީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނެނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބާއި އަދި އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.