ބާ ކައުންސިލް

ބާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެއްޖެ، ރައީސްކަމަށް ކުރިމަތިލެއްވީ ދެ ބޭފުޅަކު

ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި އިރު، ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިއަދު ހަވީރު 5:00ގައެވެ.

އީސީން ކުރި ޓުވީޓެއްގައި ބުނީ ބާ ކައުންސިލްގެ އެކްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި އިރު، ރައީސް ކަމަށް ދެ ބޭފުޅަކު އަދި ނައިބު ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ އިތުރުން މެމްބަރުކަމަށް 19 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އީސީން ބުންޏެވެ.

ބާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެކަން މީގެ ކުރިން ދެ ބޭފުޅަކު ވަނީ އިއުލާންވެސް ކޮށްފައެވެ. އެ ދެ ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދާއި މަޝްހޫރު ގާނޫނީ ވަކީލް މައުމޫނު ހަމީދެވެ. ނަމަވެސް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކެއް އީސީން ހާމަކޮށްފައެއް ނުވެއެވެ.

މިމަހުގެ 13 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި މާލެ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމުގެ މުއްދަތާއި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު ވެސް އިއްޔެއަށް ވަނީ ހަމަވެފައެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާގޮތުން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރާނީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނެނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބާއި އަދި އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.