ރާއްޖޭގެ ވަގު ޕާސްޕޯޓު ބޭނުންކޮށްގެން އެހެން ގައުމުތަކަށް އެތެރެވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި އެހެން ބުނެފައި މިވަނީ، ޓިއުނީޝިއާއަށް އެތެރެ ވާން ދިޔަ ބެލަރޫސްގެ ބަޔަކު ރާއްޖޭގެ ޕާސްޕޯޓު ބޭނުންކުރި މައްސަލައެއްގައި އެމީހުން ހައްޔަރުކޮށްފައިވަނިކޮށެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގެ ވަގު ޕާސްޕޯޓްތަކެއް ބޭނުންކުރި ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް، އެ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތަކެއްތޯ ބަލަމުން އަންނަ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގެ ޕާސްޕޯޓުތަކުގައި ހިމެނޭނީ ސެކިއުރިޓީ ގޮތުން އެންމެ ވަރުގަދަ ފީޗާސްތައް ކަމަށާއި ރާއްޖޭގެ ޕާސްޕޯޓެއް ބޭނުންކޮށްގެން ޒަމާނީ އިމިގްރޭޝަންގެ ވަސީލަތްތައް ބޭނުންކުރާ ގައުމުތަކަށް ވަގަށް އެތެރެ ނުވެވޭނެ ކަމަށެވެ.
ދިވެހި ޕާސްޕޯޓް ހިމެނެނީ ހެންލީ ޕާސްޕޯޓް އިންޑެކްސް އިން ޝާއިއުކޮށްފައިވާ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓު ރޭންކުގެ 62 ވަނައިގައެވެ. އަދި ސާކު ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކީ ވެސް ދިވެހި ޕާސްޕޯޓެވެ.