އެމްއެމްޕީއާރްސީ

ވިސިިޓް މޯލްޑިވްސް ޓްރަވެލް އެކްސްޕޯ މެލޭޝިއާގައި ފަށައިފި

ވިސިޓް މޯލްޑިވްސް ޓްރަވެލް އެކްސްޕޯ 2019، މެލޭޝިއާގައި މިއަދު ފަށައިފި އެވެ.

އެމްއެމްޕީއާރްސީން ބަޖެޓް އެއާލައިން، އެއާ އޭޝިއާއާ ގުޅިގެން ފެށި މި ފެއާ ކުރިޔަށް ދާނީ މިއަދުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މެލޭޝިއާގެ ޕުތުރާޖަޔާ އައިއޯއައި މޯލްގެ ތިރީގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 17 ފަރާތަކުން މި ފެއާގައި ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ޓުއަ އޮޕަރޭޓަރުންނާއި ޓްރަވެލް އެޖެންޓުނާއި ރިސޯޓު އަދި ގެސްޓްހައުސްތަކުން މި ފެއާގައި ބައިވެރިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

ސައުތު އީސްޓް އޭޝިއަން މާކެޓަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ފެއާގެ ސަބަބުން، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، އިތުރު ފުރުސަަތުތައް ހުޅުވިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

މި ފެއާ ފައްޓަވައިދެއްވުމުގެ ގޮތުން ރިބަން ކަނޑުއްވައި ދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑައިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެއާ އޭޝިއާގެ ރީޖަނަލް ކޯޕަރޭޓް ހެޑް އަމަންދާ ވޫ އާއި ދިވެހި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ވިސާމް އަލީ އެވެ.

މި ފެއާގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ފެންނާން ހުންނާނެ ކަމަށާއި ދިވެހި ވަންތަ ސަގާފީ އައިޓަމްތައް ވެސް ކުރިޔަށް ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ. އަދި ރާއްޖޭގެ ރީތިކަން އެކި ގޮތްގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ފެއާގެ ތެރެއިން ލިބޭނެ އެވެ.

މި ފެއާ ކުރިޔަށް ދާ މޯލް އަކީ ދުވާލަކު 150،000 އާއި 200،000 ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކުރާ މޯލް އެކެވެ.