މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ފެލިދޫ ކުޑަކުދިންގެ ޕާކު ހަދަން ސަރުކާރުން ފޮނުވި ތަކެތީގައި ފަޒުލްގެ ނަން އޮތް މައްސަލައެއް ފެންމަތިވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

ވ. ފެލިދޫގައި ކުޑަކުދިންގެ ޕާކް ހެދުމަށް ސަރުކާރުން އެރަށަށް ފޮނުވި ތަކެތީގައި އެދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު ފަޒުލް ރަޝީދުގެ ނަން ޖަހައިފައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ސޮއިކުރައްވައި އެމިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފެލިދޫ ރައްޔިތުންނާއި އެރަށު ކައުންސިލުގެ މަތިން އެރަށުގައި ކުޑަކުދިންގެ ޕާކެއް ހަދަން ސަރުކާރުން އެރަށަށް ފޮނުވި ތަކެތީގެ ބޭރުގައި ''އެމްޕީ ފަޒުލް'' ގެ ނަން ޖަހާފައިވާ ފޮޓޯތަކެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

އަދި އެ އަމަލަކީ ކަމުގެ ހަގީގަތް އޮޅުވައިލުމަށް ކޮށްފައިވާ ކަމެއް ކަމަށާއި އެރަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް އެއްވެސް އިރެއްގައި ފަޒުލް ރަޝީދާ މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ރައްޔިތުންގެ އެކިއެކި ބޭނުންތައް ފުއްދައި ދިނުމަށް ސަރުކާރުން ރަށްރަށުގައި ގާއިމްކުރާ ވަސީލަތްތަކަކީ ވަކި މީހަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ކުރާ ކަމެއް ނޫން ކަމަށެވެ.

އެެހެންކަމުން ރައްޔިތުންގެ ފައިދާއާއި ލާބައަށް ސަރުކާރުން ކުރާ ކަންކަމުގެ ނާޖާއިޒު ފައިދާ އެއްވެސް ފަރާތަކުން ނަގައި، އެފަދަ ކަންކަން ނަހަމަގޮތުގައި ނުކުރުމަށް މިނިސްޓްރީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.