އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމުގެ މަގާމަށް، އެކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި، މުއައްވިޒް ރަޝީދު އިންތިހާބުކޮށްފި އެވެ.
އެ މަގާމަށް، މުއައްވިޒް ރަޝީދު އިންތިހާބު ކޮށްފައިވަނީ އޭސީސީގައި މިހާރު ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އޭސީސީގެ ރައީސް ކަމުގެ މަގާމު ހުސްވީ އިއްޔެއާ ހަމައަށް އެ މަގާމުގައި ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން ލުތުފީއަށް ޖެހިވަޑައިގަތީ، އޮފީހަށް ނުނިކުންނަވައި މަސްއޫލިއްޔަތު އަދާކުރެއްވުމެއްނެތި، ބަރާބަރަށް މުސާރަ ނަންގަވަމުންގެންދަވާ މައްސަލައިގައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ.
ނަމަވެސް އެ މައްސަަލަ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކުރުމުގެ ކުރިން، ހުސްވި ޖޫން މަހު 26 ގައި ލުތުފީ އިސްތިއުފާ ހުށަހެޅުއްވިއެވެ. ނަމަވެސް އެއީ އީމެއިލަކުން ފޮނުއްވާފައިވާ ލިޔުކަމަށް ވުމުން އޭގައި، ލުތުފީގެ ސޮއި ނެތުމުން އިސްތިއުފާގެ ލިޔުން ސައްހަ ކަމާމެދު ސުވާލު އުފައްދައި ރައީސް އޮފީހުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި ލުތުފީ އަލުން ސޮއިކުރައްވައި ރައީސް އޮފީހަށް އިއްޔެ ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވައިފައެވެ.
އޭސީސީގެ މެންބަރުކަމަށް އައްޔަން ކުރަންޖެހެނީ، މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނުގައި ބުނެފައިވީނަމަވެސް، އޭސީސީގެ މެންބަރުކަމުން އިސްތިއުފާދޭން ހުށަހަޅަން ޖެހެނީ، ގާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އިސްތިއުފާގެ ލިޔުން ރައީސަށް ލިބިވަޑައިގަތުމާ އެކު އެމީހަކު މެންބަރަކަމުން ވަކިވާނެއެވެ. އެހެންކަމުން ލުތުފީ އޭސީސީގެ މެންބަރުކަމުން ވަކިވެފަިއވަނީ އިއްޔެއިން ފެށިގެންނެވެ.