ބާ ކައުންސިލް

ބާ ކައުންސިލް އިންތިހާބުގެ ވޯޓިން ރަޖިސްޓްރީ އާއި ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާނެ

އިބްރާހިމް ޒަކީ

ބާ ކައުންސިލުގެ އިންތިހާބުގައި މާލެ ފިޔަވައި އެހެންތަނެއްގައި ވޯޓު ލުމަށްޓަކައި ރަޖިސްޓްރީ ވުމުގެ މުއްދަތާއި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދަށް ހަމަވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މި މުއްދަތުތައް ހުޅުވާލާފައިވަނީ މިއަދު 2:00 އާ ހަމައަށެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި މާލެ ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ވޯޓިން ރަޖިސްޓަރީއަށް ހުށަހެޅުމަށް، ހަމަޖައްސާފައިވަނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ފޯމުންނެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ލިބޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މާލޭގައި ނަމަ، ފޯމު ލިބޭނީ އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އިންނެވެ. އަދި މި ފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި މި ފޯމު އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެކަމަށް އީސީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު ގައި ބުނާގޮތުން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރާނީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބާ ކައުންސިލްގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީވެސް މިމަހު 2 ވަނަ ދުވަހުގައެވެ.

ބާކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިމަހު ތޭރައިގައެވެ.