ހުޅުމާލެ ބީޗް ސަރަހައްދުގައި، ކުޑަ ޖަހައި ގޮނޑި އަތުރައިގެން ކުރިއަށްގެންދާ، ކެފޭ ރެސްޓޯރެންޓްގެ މަސައްކަތް ހުއްޓާލައި އެތަން ހުސްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އަންގައިފިއެވެ.
އެޗްޑީސީން މިއަހަރުގެ ޖެނުއަރީ މަހުގެ 31 ނިޔަލަށް އެތަން ހުސްކުރުމަށް އެންގި ނަމަވެސް، އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެތަނުގައި ދިޔައީ ވިޔަފާރިތައް ހިންގަމުންނެވެ.
އެޗްޑީސީން އަނެއްކާވެސް ވަނީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓްގެ މަސައްކަތް ހުއްޓާލުމަށް 30 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފައެވެ.
އެޗްޑީސީން ބުނީ މިމަސް ނިމުމާއެކު އެ ސަރަހައްދުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ހޮޅިތައް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓްތައް ބޭނުންކުރުން ހުއްޓާލައި، އެތަން ހުސްކުރުމަށް 30 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައިވާ ކަމަށާއި އެ ސަރަހައްދުގައި ހިނގާ އެ މަސައްކަތް ނިމުމުން އަނެއްކާވެސް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ.
އެޗްޑީސީން މީގެ ކުރިން އެތަން ހުސްކުރުމަށް ދިން މުއްދަތު ހަމަވި އިރު، ބީޗްގެ ބައެއް ދިމަދިމާލުގައި ހިޔާކޮށްފައި ހުރި ތަންތަން ރޫޅާލި ނަމަވެސް އެ ތަންތަން ހުސްކޮށްފައެއް ނުވެއެވެ. އަދި ބައެއް ކެފޭތަކުން ސީދާ އަތިރިމަތީގައި ޖަހާފައި ހުރި ގޮނޑިތައް ނަގާފައިވެއެވެ. އެހެން ނަމަވެސް އެފަދަ ބައެއް ކެފޭތަކުން ވެސް ޖާގަ ފުލްވުމުން ރޭގެ ވަގުތު ތަކުގައި އަތިރިޔާވީ ފަރާތަށް މޭޒު އިތުރުކޮށްގެން ހިދުމަތް ދީފައިވެއެވެ.
މިދިޔަ މެއި މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ހުޅުމާލޭ ބީޗް ސަރަހައްދު ވިޔަފާރީގެ އުސޫލުން ބޭނުންކުރަން ދޫކޮށްލާފައި އޮތީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި ގަވައިދާ ހިލާފަށް އެކަން ކުރަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެޗްޑީސީއަށް އަންގާފައިވާ ކަމަށެވެ.