ހުޅުމާލެއިން ދޫކޮށްފައިވާ ފުލެޓްތަކުގެ ކޮމަން އޭރިޔާ ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް ލިބޭތީ ކޮމަން އޭރިޔާ ބޭނުންކުރަމުން ދާގޮތް ބެލުމަށް އެޗްޑީސީން ނިންމައިފިއެވެ.
އެޗްޑީސީން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނީ ހުޅުމާލެއިން ދޫކޮށްފައިވާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ފުލެޓްތަކުގެ ކޮމަން އޭރިޔާ ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާތީ، މި މަހުގެ ތެރޭގައި ފުލެޓުތަކުގެ ކޮމަން އޭރިއާ ސާވޭ ކުރާނެ ކަމަށެވެ.
ސާވޭގައި ކޮމަން އޭރިއާގައި އިމާރާތްކޮށްފައި ހުރިތޯ އާއި، އެއްމެދު އިމާރާތަށް ގެއްލުންވާ ފަދަ ގަސްތައް އިންދާފައި ހުރިތޯ އާއި އެތަން ހިޔާކޮށް، ދޮރު ހަރުކޮށްފައި ހުރިތޯ ބަލާނެ ކަމަށް ބުނެފައިވެއެވެ.
އަދި އިމާރާތުގެ ބޭރަށް ބަދަލެއް ގެނެސްފައި ހުރިތޯ އާއި ވިޔަފާރި ބޭނުމަށް ކޮމަން އޭރިއާ ބޭނުން ކުރޭތޯ އާއި، ބެލްކަނީގެ ރެއިލިން އިން ދޮރުކަނޑާފައި ހުރިތޯވެސް ބަލާނެ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ، ހުޅުމާލެއަކީ މީހުން ދިރިއުޅުމަށް ހިތްފަސޭހަ، އަދި އިގުތިސޯދީ އެކި މަސައްކަތް ކުރަން އެކަށޭނެ މާހައުލެއް ގާއިމު ކުރަން ވަކި ގޮތަކަށް ޕްލޭން ކޮށްފައިވާ ރަށެއް ކަމަށެވެ.
އެހެންކަމުން އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ގެންދަނީ އެފަދަ މާހައުލެއް ހުޅުމާލޭގައި ގާއިމުކުރެވޭތޯ ކަމަށް އެޗްޑީސީން ބުނެއެވެ.