ބާ ކައުންސިލް

މިމަހު ހަތަރަކަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައި، ސައްހަ ވޯޓާސް ލިސްޓް އާންމުކުރާނީ އޭގެ ފަހުން: އަކުރަމް

މަރިޔަމް ޝަހުދާ

ބާ ކައުންސިލްގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް މިމަހު ހަތަރެއްގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފައި ކަމަށާއި ސައްހަ ވޯޓާސް ލިސްޓް އާންމުކުރާނީ އޭގެ ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.

އަކުރަމް މިހެން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އަކުރަމް ވިދާޅުވީ ގާނޫނުން އިލެކްޝަންސްގެ މައްޗަށް ބާ ކައުންސިލް އިންތިހާބު ބޭއްވުމަށް ލާޒިމް ކުރުމުން އެކަމަށް ހާއްސަ އުސޫލެއް އެކޮމިޝަނުން އެކުލަވާލި ކަމަށެވެ. އަދި މި އުސޫލު އެކުލަވާލީ އިލެކްޝަންސް އިން ކުރިއަށްގެންދާ އެހެން އިންތިހާބުތަކެކޭ އެއްފަދައިން، ބާ ކައުންސިލްގެ އިންތިހާބަކީ ހާމަކަން ބޮޑު، އިންސާފުވެރި އަމާން އޮމާން އިންތިހާބެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް އިސްކަންދީގެން ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މި އުސޫލަކީ މީގެ ފަހުން ބާ ކައުންސިލުން ބާއްވާ އިންތިހާބުތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތަކަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް އަކުރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި މައްސަލަ ހުރި ނަމަވެސް ޝަަކުވާ ހުށަހެޅުމަށް ހުޅުވާލީ ލިސްޓު ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން ފޮނުވި ލިސްޓުގައި ބައެއް މީހުންގެ އައިޑީކާޑް ފަދަ މުހިއްމު މައުލޫމާތު ނެތް ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން މި މައުލޫމާތު ހޯދިފައި ނުވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުގެ އެހީއާއެކު ވެސް މި މައުލޫމާތު ހޯދިފައި ނުވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ވޯޓަސް ލިސްޓާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކަށް ފަހު އިންތިހާބު ކުރިއަށްގެންދާނީ ފުރިހަމަ ލިސްޓަކާއެކު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް މި އިންތިހާބު ބޭއްވުމަށް 21 ދުވަހުގެ މުއްދަތެއް ލިބިފައިވާ އިރު، ބާ ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ މިމަހު 13 ކަމަށް އަކުރަމް ވިދާޅުވިއެވެ. އަދި މި ތާރީހަކީ ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ އެ ފުރުސަތަށް ވަގުތު ދިނުމަށް ކަނޑައަޅާފައިވާ ތާރީހެއް ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އިންތިހާބު ކުރިއަށް ގެންދިއުން ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް އެއީ އެރަށަކަށް ވޯޓު ލާން މަދުވެގެން ފަސް ވަކީލަކު ރެޖިސްޓަރ ކޮށްފައިވާ ކަމަށް ވާނަމަ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އިއްޔެ ބާ ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އިރު، އިންތިހާބުގެ ކެމްޕެއިނަށް ހަ ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މި އިންތިހާބުގެ ވަގުތީ ނަތީޖާ ވޯޓުލުން ކުރިއަށްދާ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ 14 ޖުލައިގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

1440 އަށް ވުރެ ގިނަ ވަކީލުން ވޯޓު ލުމަށް ހަމަޖެހިފައިވާ މި އިންތިހާބަކީ ރާއްޖޭގައި ބާ ކައުންސިލަށް ވޯޓު ލެވޭ ފުރަތަމަ ފަހަރެވެ. މި އިންތިހާބުގައި އެގްޒެކެޓިވް ކޮމިޓީއަށް ހަ މެމްބަރުން އިންތިހާބު ކުރުމުގެ އިތުރުން ބާ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ވޯޓުލާނެއެވެ.