އެންޓި ކޮރަޕްޝަން ކޮމިޝަން

ސޮއި ނެތުމުން ލުތުފީގެ އިސްތިއުފާއާމެދު ސުވާލު އުފައްދައިފި

އޮފީހަަށް ނުނިކުންނަވައި އެތައް މަހެއް ވެފައިވާތީ، ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ނިންމެވިތަނުން، އިސްތިއުފާ ހުށަހެޅުއްވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ އިސްތިއުފާގެ ލިޔުމުގައި ސޮއި ނެތުމުން ސުވާލު އުފެދިއްޖެއެވެ.

އޭސީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވިކަމުގެ ލިޔުން ހުސްވި ޖޫން މަހު 26 ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ލުތުފީ، ހުށަހަޅުއްވާފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އެހެންކަމުން އެ ލިޔުމުގައި ލުތުފީގެ ސޮއިނެތް މައްސަލައިގަ އިސްތިއުފާއާމެދު ސުވާލު އުފެދޭތީ ރައީސް އޮފީހުން އެކަން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގަވައިފައެވެ. ރައީސް އޮފީހުން ފާހަގަ ކޮށްފައިވަނީ އެ ލިޔުމުގައި ލުތުފީގެ ސޮއި ނެތުމުން އެއީ ލުތުފީ ފޮނުއްވެވި ސިޓީއެއްކަން ކަށަވަރު ކުރުމާބެހޭގޮތުންނެވެ.

ލުތުފީ އިސްތިއުފާ ދެއްވީ އޭސީސީގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސް ކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވިފަހުންނެވެ.

ޗުއްޓީ އާއި ސަލާމުގައި ނޫންގޮތަށް، އޭސީސީގެ އެއްވެސް ބައްދަލުވުމަކަށް ވަޑައިނުގެން އަދި އޮފީހަށްވެސް ވަޑައިނުގެން ގިނަދުވަސްތަކެއް ވެފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގަައި ޖޫން 25ގައި ބަހުސް ކުރުމަށްފަހު، ލުތުފީ މެންބަރުކަމުން ވަކިކުރަން ފާސްކުރީ އެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީ ބަހުސްގައި މެންބަރުން ވިދާޅުވީ، ސަލާމާއި ޗުއްޓީ ހަމަވެ، މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހަކުން ފެށިގެން ވަޒީފާއަށް ނުނިކުންނަވައި، ކޮމިޝަނަށް އަދި ކޮމިޝަނުގެ ނާއިބުރައީސަށް ލުތުފީ އެއްވެސް އެއްޗެއް އަންގަވާފައި ނުވާ ކަމަށެވެ.

އަދި ކޮމިޓީގެ ރައީސްގެ ޒިންމާތަކުގެ ތެރޭގައި، ކޮމިޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމާއި، އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ހަވާލު ކުރުން ހިމެނޭ އިރު، ލުތުފީއަށް ކޮމިޝަންގެ ރައީސްކަމުގެ ޒިންމާ އަދާކުރެފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ލުތުފީ އިސްތިއުފާ ހުށަހަޅުއްވާފައިވާއިރު އޭނާއަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.