އިބްރާހިމް ޒަކީ
ވޭތުވެދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހާއި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސއްކަތްތަކުގެ ތެރޭން 900 އަށްވުރެން ގިނަ އޮޑިޓް ރިޕޯޓް ނުނިންމައި މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ނަގުލުކޮށްފައި ވާކަމަށް އެ ކޮމިޓީގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ދައުލަތުގެ އެކި މުއައްސަސާތަކުގެ 44 އޮޑިޓް ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އިލިޔާސް ލަބީބު ވިދާޅުވީ، ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކޮށް ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ މައްސަލަތަކަށް ފިޔަވަޅު އަޅަންޖެހޭ ފަރަތްތަކުން ފިޔަވަޅު އަޅާފައި ނުވަނީ ކީއްވެތޯވެސް ކޮމިޓީިން ބަލާނެ ކަމަށެވެ.
މާލިއްޔަތު ކޮމިޓީން ނިންމައި 44 އޯޑިޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މާލިއްޔަތު ކޮމިޓީގެ މެންބަރު މަރަދޫ ދާިއރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ކަންކަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފުރޮޅިގެން ދަނީ އޮޑިޓަރ ޖެނެރަލް ފޮނުވާ ރިޕޯޓްތަކަށް ފިޔަފަޅު ނޭޅޭތީ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ރިޕޯޓްތަކަށް ނިސްބަތްކޮށް ފާހަގަވާ ޖިނާއީ މައްސަލަތަކަށްވެސް ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުން މުހިއްމު ކަމަށާއި އެކަންވެސް ކުރެވިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މާލިއްޔަތު ކޮމިޓީގައި ދިރާސާ ކުރުމަށް އަދިވެސް އެތައް ސަތޭކަ އޮޑިޓް ރިޕޯޓް އެބައޮތް ކަމަށެވެ.