އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް ގެ ވެރިޔެއްގެ ގޮތުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވީ ހަތް މަސް ދުވަހު ކަމަށާއި އެ މުއްދަތުގައި ކުރެއްވި މަސައްކަތްތަކަށް ފުރިހަމަޔަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް އާތިފު ޝުކޫރު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ މައްސަލައިގައި، އެމްއެމްއޭއިން އޭރު ވެފައިވާ އިހުމާލަށް ޒިންމާ ނަގަން ޖެހެނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި އޭރު ހުންނެވި އާތިފު ޝުކޫރު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި، އޭރުގެ ގަވަރުނަރު އާއިޝަތު އަޒީމާގެ އެއްވެސް މައްސަލައެއް އޮތް ކަމަށް މިހާތަނަށް ތަހުގީގަށް ފެނިފައި ނުވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާތިފް ޝުކޫރު މިއަދު ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލައަކީ 2014 ވަނަ އަހަރުގެ ޖޫން އިން ފެށިގެން 2018 ވަނަ އަހަރުގެ ތެރެޔަށް ދެމިގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި އެފްއައިޔޫގައި އޭނާ ހުންނެވީ 2015 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން 2015 ވަނަ އަހަރުގެ ޖޫން އަށް ކަމަށެވެ.
"ވަން އޮންލައިން"އަށް މިއަދު އާތިފު ވިދާޅުވީ، އެފްއައިޔޫ ގެ ވެރިޔަކަށް ހުންނެވި އިރު، އެ މަގާމުގެ ޒިންމާ އަދާކުރައްވާފައި ވަނީ ޒިންމާދާރު ކަމާ އެކު ކަމަށާއި، ހިނގަމުން ދިޔަ ކަންކަން ހުއްޓުވުމަށް ޓަކައި ކުރެއްވެން ހުރި ކަންކަން ކުރެއްވި ކަމަށެވެ.
"ދެން ވެސް އެ ކަންކަން ހުއްޓުވޭނެ ފަދަ ބާރެއް ނެތްކަން އެނގުމުން އެ މަގާމުން އަޅުގަނޑު ދުރަށް ޖެހުނީ. އެކަމަކު އަޅުގަނޑު ހުރި އިރު އެކަން ހުއްޓުވަން މަސައްކަތް ކުރިން." އާތިފް މިއަދު ވިދާޅުވި އެވެ.