އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ މައްސަލައިގައި، އެމްއެމްއޭގެ އިހުމާލަށް ޒިންމާ ނަގަން ޖެހެނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި އޭރު ހުންނެވި އާތިފު ޝުކޫރު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިހެން ބުނީ އެފްއައިޔޫ އަށް ލިބިފައިވާ އެސް.ޓީ.އާރ އެނަލައިޒު ކުރިއިރު ފާހަގަކުރެވުނު ކަންތައްތައް ތަހުގީގީ އިދާރާއަކަށް ފޮނުވާފައި ނުވާ މައްސަލައިގައި އޭސީސީން މިއަދު ނެރުނު ރިޕޯޓުގައި ބުނީ، އޭސީސީން ތަހުގީގުކޮށްފައިވާ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން ފާހަގަކުރެވުނު އެއް މައްސަލަކަމަށްވާ، “މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) އަށް ލިބިފައިވާ އެސް.ޓީ.އާރްގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން އެނގެން އޮންނައިރު، އެ މައްސަލަ އިތުރަށް ތަހްގީގުކުރުމަށް ތަހުގީގީ އިދާރާއަކަށް ފޮނުވާފައި ނުވަނީ ވަކިފަރާތެއްގެ ނުފޫޒުންކަމަށް ކުރެވޭ ތުހުމަތާގުޅޭ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި ފާހަގަވި ކަންކަމުގެ މައްޗަށް ނެރުނު ރިޕޯޓުގަ އެވެ.
އޭސީސީން ބުނީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގައި އެފް.އައި.ޔޫއަށް ލިބިފައިވާ މައުލޫމާތެއް، މަނީ ލޯންޑްރިންގެ ހަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާއި ނުވަތަ ކުށްކޮށްގެން ހޯދާފައިވާ އެއްޗަކާ ގުޅުންހުރި ކަމަށް ޝައްކު ކުރެވޭނަމަ، އެކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ނުވަތަ ތަހުގީގުކުރާ އިދާރާއަށް އެފްއައިޔޫ އިން ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އެ ގޮތުން މަނީ ލޯންޑަރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްއަށް ޝައްކުކުރެވޭ ފަދަ އަމަލެއް ހިނގާކަން ނުވަތަ ހިންގާފައިވާކަމަށް ފެންނަނަމަ އެ މައުލޫމާތު އެކަމާ ގުޅޭ ތަހުގީގީ އިދާރާއަކަށް ފޮނުވުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ލިބިގެންވަނީ އެފްއައިޔޫގެ ހެޑަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އެއްވެސް ނިންމުމެއް ނިންމާއިރު ގަވަރުނަރާ މަޝްވަރާކުރުމަށް ނުވަތަ ގަވަރުނަރުގެ އިރުޝާދު ހޯދަންޖެހޭނެކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް އެފް.އައި.ޔޫގެ އެސް.އޯ.ޕީއެއްގައިވެސް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭސީސީން ބުނީ އެމްއެމްޕީ އާރްސީ ގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފް.އައި.ޔޫއަށް 27 ނޮވެމްބަރ 2014ގައި ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު، އެފް.އައި.ޔޫ އިން 31 ޑިސެމްބަރ 2014ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓުގެ ހުލާސާގެ ގޮތުގައި ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވާ ކަމަށެވެ. އެ ނުކުތާ ތަކަކީ،
1. ތުހުމަތު ކުރެވޭ ކުންފުންޏަށް 18,200,000.00 (އަށާރަ މިލިއަން ދެލައްކަ) އެމެރިކާ ޑޮލަރު އަދި، 59,700,000.00 (ފަންސާސްނުވަ މިލިއަން ހަތްލައްކަ) ރުފިޔާ އާއެކު ޖުމްލަ 22,100,000.00 (ބާވީސް މިލިއަން އެއްލައްކަ) އެމެރިކާ ޑޮލަރު ޑިޕޮސިޓްސްގެ ގޮތުގައި ލިބިފައިވުން.
2. 24 އޯގަސްޓް 2014 އިން 25 ނޮވެންބަރު 2014 ގެ ނިޔަލަށް ތިން މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެމް.އެމް.ޕީ.އާ.ރސީއިން ތުހުމަތު ކުރެވޭ ކުންފުނީގެ އެކައުންޓަށް 5,350,000.00 (ފަސްމިލިއަން ތިންލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރާއި 59,750,000.00 (ފަންސާސްނުވަ މިލިއަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއެކު ޖުމްލަ 9,100,000.00 (ނުވަ މިލިއަން އެއްލައްކަ) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވުން.
3 ޖުމްލަ 08 ޓްރާންސެކްޝަންއެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47,500,000.00 (ސާޅިސްހަތް މިލިއަން ފަސްލައްކަ) ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވުން.
4. އިސްވެ ބަޔާންކޮށްފައިވާފަދަ ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭވަރުގެ ވިޔަފާރީގެ ހަރަކާތްތައް ހިންގާކަމުގެ ގާބިއްލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިންގ އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަން.
އޭސީސީގެ ބަޔާނުގައި ބުނީ، އެ ރިޕޯޓުގެ ނިންމުމުގައި ގޫނޫނު ނަންބަރު 2014/10 މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ތުހުމަތު ކުރެވޭ ކުންފުންޏާ ގުޅިގެން ހުށަހެޅިފައިވާ އެސް.ޓީ.އާރގެ މައުލޫމާތު ފުލުހުންނަށް ފޮނުވުމަށާއި ތުހުމަތު ކުރެވޭ ކުންފުންޏަށް ފައިސާ ލިބެމުންދާގޮތް ދެނެގަތުމަށާއި އެ ކުންފުންޏަށް ލިބޭ ފައިސާ އެއްވެސް ގާނޫނާ ހިލާފު އަމަލެއް ކުރުމަށް ބޭނުންކުރޭތޯ ބެލުމަށް ފުލުހުންނަށް އެންގުމަށާއި ބޭންކްތަކަށް ކަސްޓަމަރ ޑިއު ޑިލިޖެންސް “CDD” ހެދުމަށް އެންގުމަށާއި ގާނޫނު ނަންބަރު 2014/10 މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ (އެމް.އެމް.އޭގެ) ފައިނޭންޝަލް ސެކްޓަރ ޑިވިޝަން އަށް އެންގުމަށް ފެންނަކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ، އެ ރިޕޯޓްގައިވާ ކަންތައްތައް ތަހުގީގުކުރަން މޯލްޑިވްސް ފުލުހުންނަށް ފޮނުވުމަށް ނިންމާކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވީނަމަވެސް، އެ ރިޕޯޓް 06 އެޕްރީލް 2015ގައި ފައިނަލް ކުރުމުގައި އެ ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވާ ކަމަށާއި މި ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުނެ އެވެ. މީގެއިތުރުން، އެފް.އައި.ޔޫގެ އެނަލިސިސް ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އެފް.އައި.ޔޫގެ އޭރުގެ ވެރިޔާކަން އޭނާގެ އިއުތިރާފުންނާއި، މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަން ތަހުގީގަށް ފާހަގަވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭސީސީން ބުނީ، މި މައްސަލާގައި އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ ނިންމުންތައް ނިންމާފައި އެވަނީ އެވަގުތު ލިބެންހުރި ރިސޯސް ތަކަށް ބަލައި ބްލެކްމަނީއަށް ފޯކަސްކުރުމަށް އޭރުގެ ގަވަރުނަރު އިރުޝާދުދީފައިވާތީ ކަމަށާއި، އެސް.ޓީ.އާރ އެނެލިސިސް ރިޕޯޓުގައި ވަރަށް ގިނަ ސުވާލު އުފެދޭ ޝައްކު ކުރެވޭ ކަންތައްތަކެއް ބަޔާންކޮށްފައި ހުރިކަމުގައި ވީނަމަވެސް، އެފް.އައި.ޔޫ ގެ އެވަގުތުގެ ފޯކަސްއަކީ ރާއްޖޭން ބޭރުން އަންނަ ބްލެކް މަނީ ހުއްޓުވުމަށް މަސައްކަތްކުރުންކަމަށް ގަވަރުނަރު ދިން އިރުޝާދުގެ ދަށުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެއްވެސް ތަހުގީގީ އިދާރާއަކާ ހަވާލުނުކުރުމަށް ނިންމީކަމަށާއި ގަވަރުނަރު ދޭ އިރުޝާދަށް އަމަލުކުރުމަކީ ގާނޫނުން އެފް.އައި.ޔޫ ގެ ހެޑަށް ލާޒިމްކުރާ ކަމެއް ނޫންކަމުގައި ވީނަމަވެސް، އޭނާ އޭރު މަސައްކަތްކުރި އިންސްޓްޓިއުޓް ގެ އުސޫލުތަކާ އަދި އެފް.އައި.ޔޫ އަކީ ހަމަ ސީދާ ގަވަރުނަރު އާ މަޝްވަރާކޮށްގެން ހިންގާ ތަނެއްގެ ގޮތުގައި އޮތުމުން ގަބޫލުކުރީ އެ އިންސްޓްޓިއުޓް ހިންގަނީ އެގޮތަށްކަމަށާއި އެފް.އައި.ޔޫ ގެ ރިސޯސް މުއްސަނދިވުމުން އިތުރު ކަންތައްތައްވެސް ބެލޭނެކަމަށް ކަމަށް އާތިފް ޝުކޫރުގެ ބަޔާނުން އެނގޭ ކަމަށާއި އެހެންނަމަވެސް އެފް.އައި.ޔޫގެ އޭރުގެ ވެރިޔާ އަށް އެފަދަ އިރުޝާދެއް ދީފައިވާކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އޭރުގެ ގަވަރުނަރު އެފް.އައި.ޔޫ އިން އެއްވެސް ކަމެއްގައި ވަކި ގޮތަކަށް އަމަލުކުރުމަށް އިރުޝާދު ދީފައި ނުވާނެކަމަށް ތަހުގީގުގައި ބުނެފައިވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
އޭސީސީން އިތުރަށް ބުނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ނިންމާ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ދީފައިވާތީއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އެސް.އޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމަ އެކަނި ފަރާތަކީ ހެޑް އޮފް އެފް.އައި.ޔޫ ކަމަށް ވާތީ އެ ޔުނިޓުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާވާން ޖެހޭނީ އެ ޔުނިޓުގެ ވެރިޔާކަން ފާހަގަކުރެވެއެވެ.
އެސީސީގެ ބަޔާނުގައި ބުނީ އެ ރިޕޯޓް އެނަލައިޒް ކުރަމުންދިޔައިރުވެސް، އެސްއޯއެފް ކުންފުނީގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންގކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފް.އައި.ޔޫގެ ވެރިޔާއަށް އެނގޭކަމަށާއި އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލްކުރިއިރުވެސް، އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގޭކަމަށް އެފް.އައި.ޔޫގެ ވެރިޔާ އިއުތިރާފު ވެފައިވާތީ، އޭނާގެ އެ އަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން ތަހުގީގަ ފާހަގަ ކުރެވެއެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިފައިވާތީ، ގާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލާގައި އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މި މައްސަލަ 18 ފެބްރުވަރީ 2019ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން ބުނީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފް.އައި.ޔޫއަށް ފޮނުވާފައިވާ އިސްވެ ދެންނެވުނު އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު އެފް.އައި.ޔޫ އިން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓް، އެފް.އައި.ޔޫގެ އޭރުގެ ވެރިޔާގެ ޖީމެއިލް އެކައުންޓުން އޭރުގެ ގަވަރުނަރުގެ ރަސްމީ އީމެއިލް އެކައުންޓަށް ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ނަމަވެސް، އެ ރިޕޯޓާ ގުޅިގެން ވަކި ގޮތަކަށް އަމަލު ކުރަން އެފް.އައި.ޔޫގެ ވެރިޔާއަށް އިރުޝާދު ދީފައިކަމުގެ އެއްވެސް ކިތާބީ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. ހަމައެހެންމެ، އެ ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އޭރުގެ ގަވަރުނަރު އެގޮތަށް އަމަލުކުރުމަށް ބުނެ، އޭނާގެ ނުފޫޒު ފޯރުވައިގެންކަން ސާބިތުކުރެވޭވަރުގެ ހެއްކެއް އޭސީސީގެ ތަހުގީގަށް ލިބިފައިނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު 18 ފެބްރުވަރީ 2019ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް މިމައްސަލައާ ގުޅިގެން ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިރާސާކުރުމަށްފަހު، ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ކޮށްފައިވާކަމަށް ބެލެވޭތީ މިމައްސަލަ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވުމަށް އިރުޝާދުދީފައިވާތީ މި މައްސަލަ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތަހުގީގުކުރުމަށް 21 ފެބްރުވަރީ 2019ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.