ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި، ރެގިއުލޭޓް ކުރުމަށް އުފެއްދި ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައި، އެ ކައުންސިލްގެ އިންތިހާބު މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްކަމާއި ނައިބު ރައީސްކަމާއި މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު 5:00ގެ ނިޔަލަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި އީސީގެ އިންތިހާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުގެ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.
ބާ ކައުންސިލްގެ ރައީސާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ދިހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ވަކީލުންނަށެވެ. އޭގެ އިތުރުން ރައީސާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުމާއި ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއް ކަމުގައި ނުވުން ނުވަތަ ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.
އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލެވޭނީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ވަކީލުންނަށެވެ. އޭގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާއަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.