އެމްއެމްޕީއާރްސީ

"ވިޒިޓް މޯލްޑިވްސް ޓްރެވަލް އެކްސްޕޯ" އަންނަ ހަފުތާގައި މެލޭޝިއާގައި

މުހައްމަދު އައުޒަމް

އެމްއެމްޕީއާރްސީން އިންތިޒާމް ކުރާ "ވިޒިޓް މޯލްޑިވްސް ޓްރެވަލް އެކްސްޕޯ" އަންނަ ހަފްތާގައި މެލޭޝިއާގައި ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މެލޭޝިއާގައި ބާއްވާ "ވިޒިޓް މޯލްޑިވްސް ޓްރެވަލް އެކްސްޕޯ" އަކީ އެމްއެމްޕީއާރްސީ އާއި އެއާ އޭޝިއާ ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ.

ތިންދުވަހުގެ މުއްދަތަކަށް ބޭއްވުމަށް ހަމަޖައްސާފައިވާ މި އެކްސްޕޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވާނެކަމަށް އެއެމްޕީއާރްސީން މައުލޫމާތުދެއެވެ.

'ލޯކަލް އައިލެންޑް ޓުއަރިޒަމް" މެގަޒިން ގެ ފުރަތަމަ އަދަދު ނެރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވީ މިފަހަރުގެ އެކްސްޕޯގެ މައިގަނޑު ޓާގެޓް މާކެޓަކީ ގެސްޓް ހައުސްގެ އިތުރުން މިޑް މާކެޓްތައް ކަމަށެވެ.

ތޮއްޔިބު އިތުރަށް ވިދާޅުވީ މިއެކްސްޕޯގައި ރާއްޖެއިން 18 ފަރާތެއް ބައިވެރިވާނެ ކަމަށެވެ. މީގެތެރޭގައި ޓްރެވަލް އެޖެންޓުންގެ އިތުރުން ގެސްޓްހައުސްތަކާއި ރިޒޯޓުތައް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރުކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށާއި އެ ގޮތުން މިހާތަނަށް އައި އިރު، ގެސްޓް ހައުސް ޕްރޮމޯޓުކުރުމަށް އަމާޒުކޮށްގެން 11 ސެމިނާރެއް ބާއްވާފައިވާ ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ ކުރިޔަށް އޮތް ހަމަސްދުވަހަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ރޯޑްޝޯތަކާއި ފެއާތަކާއި ފޭމް ޓްރިޕްތައް ރާވަމުން އަންނަ ކަމަށާއި އިތުރު ހަ މާކެޓެއްގައި ސޯޝަލް މީޑިއާ ކެމްޕެއިންތަކެއް ފެއްޓުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ބީބީސީ އާއި ގުޅިގެންވެސް ކެމްޕެއިނެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.