މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި ''ކަރަންސީ ގެލެރީ'' އެއް ހުޅުވައިފި އެވެ.
މިއަދު އެކަމަށް ހާއްސަކޮށްގެން އެމްއެމްއޭގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ''ކަރަންސީ ގެލެރީ'' ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ފައިނޭންސް އިބްރާހީމް އަމީރެވެ. ކަރަންސީ ގެލެރީ ހުޅުވާފައިވަނީ އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އެމްއެމްއޭގައި ކަރަންސީ ގެލެރީއެއް ހުޅުވުމުގެ ހިޔާލު އެމްއެމްއޭގެ އިމާރާތް ހެދުމަށް ޕްލޭން ކުރިއިރު ވެސް ގެންގުޅުނު ކަމަށެވެ. އަދި އެކަން ހަގީގަތަކަށްވީ މިއަދު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
އެމްއެމްއޭގެ އެންމެ ތިރީ ބުރީގައި ހުޅުވި މި ކަރަންސީ ގެލެރީގައި މިހާތަނަށް ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ހުރިހާ އެއްޗެއް އެއްތަނަކުން ފެންނަން ހުންނާނެއެވެ. މިގެލަރީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އާންމުންނަށާއި ފަތުރުވެރިންނަށް ވަނީ ހުޅުވާލައިފައެވެ.