ސްރީލަންކާގެ އެކަޑަމީ އޮފް ޑިޒައިން އާއި މާސެޑީޒް ބެންޒް ބްރޭންޑް ގުޅިގެން ކޮންމެ އަހަަރަކު ބާއްވާ މާސެޑީޒް ފެޝަން ވީކްގައި މި ފަހަރުވެސް ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު ރައިދާ ޝަފީގު ގެ ޑިޒައިންތައް ދައްކާލައިފިއެވެ.
މާސެޑީޒް ފެޝަން ވީކްގައި ރައިދާ ބައިވެރިވާތާ މީ ހަތަރުވަނަ އަހަރެވެ. އަދި މި ފެޝަން ވީކްގައި މިހާތަނަށް ބައިވެރިވި ދިވެހި ފެޝަން ޑިޒައިނަރަކީވެސް ހަމަ އެކަނި ރައިދާ އެވެ.
މި ވަގުތު ލަންކާގައި ހުރި ރަައިދާ "ވަން އޮންލައިން" އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ފެޝަން ވީކްގައި ބައިވެރިވެ ރާއްޖެ ތަމްސީލު ކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ފަހުރެއް ކަމަށެވެ.
މިފަހަރުގެ ޝޯގައި ރައިދާ ބައިވެރި ކޮށްފައިވާ ކަލެކްޝަންގެ ތީމަކީ މޮޑެސްޓް އަދި ވެސްޓާސް ޑައިވާސިޓީ ހިޖާބް އަދި ނޮން ހިޖާބް ސިލްއައުޓްސް އެވެ. މިއީ ވިކްޓޯރިއަން ގްރީން ހައުސް ބީހައިވް އިން އިންސްޕަޔަރވެފައިވާ ކަލެކްޝަނެއް ކަމުގައި ރައިދާ ބުންޏެވެ. ރައިދާ އިތުރަށް ބުނި ގޮތުގައި މި ކަލެކްޝަނުގައި އެޕްލީކް، ހޭންޑްވޯކް، ޕްރިންޓްސް އަދި އެމްބްރޮއިޑަރީ ފެބްރިކް އާއި ލޭސް ޓްރިޕްސް އަދި ފްރެންޗް ލޭސް ވެސް ހިމެނޭނެއެވެ. ކަލެކްޝަނުގެ ކުލަތައް އިންސްޕަޔާވެފައި ވަނީ ސިލްއައުޓްސް، އެޕްލީކް އަދި ވިކްޓޯރިއަން އިން ކަމަށް ވެސް ރައިދާ ބުންޏެވެ.
ވިމެން އިން މޭނޭޓްމަންޓް އިން ދޭ ޔޫތު ޔަންގް ލީޑާޝިޕް އެވޯޑް ގޯލްޑް ކެޓަގަރީން ލިބިފައިވާ ރައިދާ ގެ "ރައިދާ މޯލްޑިވްސް" ބްރޭންޑަކީ 2015 ވަނަ އަހަރުގެ ޖެނުއަރީގައި އަންހެނުންނަށް ހާއްސަ ހެދުންތައް ޑިޒައިންކޮށް ވިއްކަން އުފެއްދި ބްރޭންޑެކެވެ. ރައިދާ މޯލްޑިވްސްގެ ފިހާރައެއް މާލޭގައި ހުންނަ އިރު ސްރީލަންކާގައި ވެސް ތިން ބްރާންޗެއް ވަނީ ހުޅުވާފައެވެ.
ރައިދާ ބުނީ މިހާތަނަށް އެ ބްރޭންޑަށާއި އޭނާއަށް ސަޕޯޓާއި ލޯބި ދިން އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ. ހާއްސަކޮށް އަންހެނުން އެކަކު އަނެކަކު ކުރިއެރުވުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ރައިދާ އެދުނެވެ.
މިފަހަރުގެ މާސެޑީޒް ފެޝަން ވީކްގައި ދިވެހި ރާއްޖޭގެ ފަރާތުން ގްލެމް ނަދާ ވަނީ މޮޑެލްސްތަކުގެ މޭކަޕް ކުރުމުގައި ބައިވެރިވެފައެވެ. ނަދާ ބައިވެރިވީ ލަންކާގެ ކީސް ސެލޫން އާއި ގުޅިގެންނެވެ.