ދުނިޔެ

ވެއްޓުނު ލަޔަން އެއާ ފްލައިޓުން ދަތުރުކުރި މީހުން ސަލާމަތް ވާނެ ކަމުގެ އުއްމީދެއް ނެތް

އިންޑޮނޭޝިއާގެ ޖަކާޓާއިން ބަންކާ ބެލިޓަންގް އައިލެންޑްސްގެ މައި ސިޓީ ޕަންގަލް ޕިނަންގްއަށް ދަތުރުކުރި ލަޔަން އެއާގެ ފްލައިޓުން ދަތުރުކުރި 189 މީހުންގެ ތެރެއިން އެއްވެސް މީހަކު ސަލާމަތް ވާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަކާޓާގައި ހުންނަ އިންޑިއަން އެމްބަސީން ވަނީ ފްލައިޓް ދުއްވަން ހުރި އިންޑިއާގެ ޕައިލެޓް މަރުވެފައިވާކަށް ކަށަވަރުކޮށްދީފަ އެވެ.

ފްލައިޓު ވެއްޓުނު ސަރަހައްދުން އެ ބޯޓުގެ ބައިތަކާއި ލައިފް ޖެކެޓު އަދި އެނޫން ވެސް ތަކެތި މިހާރު ވަނީ ފެނިފަ އެވެ.

އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގުގައި ބޮޑަށް ލަފާ ކުރެވެނީ މޫދަށް ވެއްޓުމާ އެކު ފްލައިޓް ފަޅައިގެން ގޮސް އަޑިޔަށް ގޮސްފައިވާ ކަމަށެވެ. ފްލައިޓް ވެއްޓުނު ސަރަހައްދަށް މޫސުން އެހާ ގޯސް ނޫން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

2013 ވަނަ އަހަރު ބާލީގެ ނޯރަން ރާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެސް ލަޔަން އެއާގެ ފްލައިޓެއް މޫދަށް ވެއްޓުނެވެ. އެހެން ނަމަވެސް އެފަހަރު ފްލައިޓުން ދަތުރުކުރި 108 މީހުން ވަނީ ސަލާމަތް ވެފަ އެވެ. ހަމަ އެހެންމެ 2004 ވަނަ އަހަރު ވެސް ޖައްސަން އުޅުމުގެ ތެރޭގައި ލަޔަން އެއާގެ ފްލައިޓެއް ބިންދައިގެން ގޮސް އެ ފްލައިޓުން ދަތުރުކުރި 25 މީހުން މަރުވެފައިވެ އެވެ.