ސިފައިންގެ އަސްކަރީ ހޮސްޕިޓަލު ކަމަށްވާ، ސެނެހިޔާ ގައި މިއަހަރު އެމްއާރުއައިގެ ހިދުމަތް ފަށާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސާވިސް ކޯގެ ކޮމާންޑަރު ޖެނެރަލް ހާމިދު ޝަފީގު ވިދާޅުވީ މިއަހަރުގެ ތެރޭގައި ސީޓީ ސްކޭނު ކުރުމާއި އެމްއާރުއައިގެ ހިދުމަތް ދިނުމަށް މިހާރު ވަކި ސަރަހައްދެއް ކަނޑައަޅައި އެ މަސައްކަތްކުރަމުންދާކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސެނެހިޔާ ހޮސްޕިޓަލުގެ ފަރާތުން މެޑިކަލް ކޭމްޕުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން މެޑިކަލް ކޭމްޕުތަކުގައި ރަށްރަށަށް ގޮސް ސްޕަ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ވެސް މިއަހަރުގެ ތެރޭގައި ހަމަޖައްސައި ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ސިފައިންގެ އިން ރިޓަޔާކުރާ ފަރާތްތަކަށް ދެވޭ ހިދުމަތްތައްވެސް ފުޅާކޮށްދޭނެ ކަމަށާއި ރިޓަޔާ ކުރާ މީހުންނަކީ ހިދުމަތުން ދުރުގައި ތިބި ބައެއް ކަމަށް ނުދެކޭ ކަމަށް ވިދާޅުވިއެވެ.
އެގޮތުން 25 އަހަރާއި 30 އަހަރު ހިދުމަތްކޮށްދެއްވުމަށްފަހު ރިޓަޔާވުމުން އެބޭފުޅުންގެ ހިދުމަތުގެ އަގު ވަަޒަން ކުރަންޖެހޭނެ ކަމަށް ހާމިދު ވިދާޅުވިއެވެ.
ސިފައިންނާއި ސިފައިންގެ އާއިލާއަށް ހިދުމަތް ދިނުމަށް ހާއްސަކޮށްގެން ހުޅުވި ސެނެހިޔާ ހޮސްޕިޓަލު ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ގައެވެ.
އެހޮސްޕިޓަލުން މިހާރުވެސް ދަނީ އާންމު ބަލިތަކުގެ ފަރުވާ އާއި ބައެއް ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތްވެސް ދެމުންނެވެ. އަދި އާންމު ފަރާތްތަކަށް ޓެސްޓް ހެދުމުގެ ފުރުސަތުވެސް އެހޮސްޕިޓަލުން ހުޅުވާލާފައިވެއެވެ.