އިބްރާހިމް ޒަކީ
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުން އަންނަ 14 އަހަރުގެ ޝައިމް އަބްދުﷲގެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޝިދާތާ ހާޒިރު ކުރުމަށް ހަމަޖެހިަފއިވަނީ މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖައްސައިފައިވާ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ޖަލްސާއަށް ކަމަށެވެ.
ވިލިނގިލީ ކުޑަކުދިންގެ ހިޔަލުގައި ހުއްޓައި ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ގެއްލުނީ މިމަހު 18 ވަނަ ދުވަހުގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މިނިސްޓަރު ޝިދާތާ ވަނީ، ޝައިމްގެ މައްސަލަތައް އެންމެ ކުރީއްސުރެ ފެށިގެން މި މަހުގެ 18 ވަނަ ދުވަހު އޭނާ ގެއްލުމާއި ހަމަޔަށް މީޑިއާއަށް ހިއްސާކޮށްފަ އެވެ.
އެ ގޮތުން އެންމެ ފުރަތަމަ ޝައިމްގެ މައްސަލައެއް ރިޕޯޓުކޮށްފައި ވަނީ މީގެ ނުވަ ވަރަކަށް އަހަރު ކުރީން ކަމާއި އޭގެ ފަހުން އެކި ފަހަރު މަތީން އޭނާގެ ރިޕޯޓުތައް ލިބިގެން ގޮސްފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
އެންމެ ފަހުން ޝައިމް ކުޑަކުދީންގެ ހިޔާއަށް ގެންދިޔައީ، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކުށުގެ ވެށީން ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޝައިމްގެ ވާހަކަތައް އެހާ ހާމަކަން ބޮޑުގޮތެއްގައި ސީދާ މީޑިއާއާ ހިއްސާ ކުރެއްވުމާ ގުޅިގެން ބައެއް ފަރަތްތަކުން ސޯޝަލް މީޑިއާގައި މިިނިސްޓަރަށް ވަނީ ފާޑު ކިޔައިފައެވެ.