ސިވިލް ސާވިސް ކޮމިޝަން

ދުރުންދޭ ތައުލީމާއި ތަމްރީނު ތަރައްގީ ކުރުމަށް ޕާކިސްތާން ޔުނިވާސިޓިއަކާއެކު ސީއެސްސީން ސޮއިކޮށްފި

އިބްރާހިމް ޒަކީ

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ދުރުންދޭ ތަމްރީނުގެ ދައުރު ފުޅާކޮށް ވާރޗުއަލް ތަމްރީނުދިނުން ތަރައްގީ ކުރުމަށް، ޕާކިސްތާނުގެ ވާރޗުއަލް ޔުނިވަރސިޓީއާއެކު ސިވިލްސާވިސް ކޮމިޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ލާހޯރުގައި ހުންނަ އެ ޔުނިވާސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، މިކަމާބެހޭ އެއްބަސް ވުމުގައި ސިވިލް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ މިހާރު ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. ޔުނިވާސިޓިގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރެކްޓަރ މިސްޓަރ ނައީމް ތާރިގް އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނި ގޮތުގައި، މި ޔުނިވާސިޓީއަކީ ޕާކިސްތާނުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް ނުވަތަ ސެޓެލައިޓް ނޫންނަމަ އިންޓަރނެޓް ގެ ޒަރީޔާއިން ދުރުންދޭ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ އެންމެ ބޮޑު ޔުނިވަސިޓީއެވެ.

ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ވާރޗުއަލް އެޑިޔުކޭޝަން، ނުވަތަ ތަމްރީނު ދެވޭނެ ގޮތް ހަމަޖެހިގެންދިއުމަކީ ސިވިލް ސަރވަންޓުން މާލެއަށް އައުމުގެ ބަދަލުގައި ރަށުގައި، ނުވަތަ އަތޮޅުގައި ތިބެގެން މާލޭގައި ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދިއުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މި ނިޒާމު ރަނގަޅަށް ގާއިމްކުރެވިއްޖެނަމަ، ވަގުތާއި އެތަކެއް ހަރަދުތަކެއް ކުޑަވެގެންދާނެ ކަމަށްވެސް ސީއެސްސީން ބުނެއެވެ.