ޝަހީދާ އަބްދުﷲ ސައީދު
ދުނިޔޭގެ އެއްވެސް ގައުމަކަށް އައިއެސްގެ ނުރައްކާ ނެތެކޭ ނުބުނެވޭނެ ކަމަށާއި އައިއެސްގެ ނުރައްކާ ރާއްޖެއަށް ވެސް އެބައޮތްކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވި ބައްދަލުވުމުގައި އައިއެސްގެ ނުރައްކާ ރާއްޖެއަށް ކިހާވަރަށް އެބައޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ ނިއުޒިލޭންޑަކީ އެންމެ އަމާން ގައުމުކަމަށް ކުރިން ހީވެފައި އޮތް ކަމަށާއި ނަމަވެސް އެގަައުމުގައިވެސް ޓެރަރިސްޓް ހަމަލާއެއް ދީފައިވާކަމަށެވެ.
އެހެންކަމުން ދުނިޔޭގެ އެއްވެސް ގައުމަކަށް އައިއެސްގެ ނުރައްކާ ނެތް ކަމަށް މިހާރު ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖެއަށް އޮތް ނުރައްކާ އިތުރަށް ބޮޑުވެއްޖެ ކަމަށާއި ރާއްޖެއަށްވެސް އެ ނުރައްކާ އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެކަމަށްޓަކައި ބޭރުގެ އެހީއާއެކު ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމާއި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމުގައި ރެޔާއި ދުވާލު ސިފައިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަބްދުއްރަހީމް ވަނީ ދެއްވާފައެވެ.
ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.