ކުޑަކުދީންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތެއް ނޭނގޭ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ބެލުމަށްފަހު މީޑިއާތަކަށް މައުލޫމާތު ހާމަކުރައްވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން މިއަދު ބޭއްވި ބައްދަލުވުމުގައި، ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ސިފައިންގެ ބެލުމުގެ ދަށުން ގެންދިޔަކަން އެނގުނު ނަމަވެސް ކިނބުލަށް ހެދި ގޮތެއް މިހާތަނަށް އެނގިފައި ނުވާތީ ނޫސްވެރިޔަކު ވަނީ އެކަން ފާހަގަކޮށް ކިނބުލަށް ވީގޮތުގެ މައުލޫމާތު ހާމަކޮށްދިނުމަށް އެދިފައެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ، ކިނބުލަށް ހެދި ގޮތް އޭނާއަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން ބެލުމަށްފަހު އެމައުލޫމާތު މީޑިއާ އާއި ހިއްސާ ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
2000 ވަނަ އަހަރު ވިލިމާލޭ ފަޅުތެރެއިން ހިފައިގެން ގެނައި ކިނބޫ ކުޑަކުދިންގެ ބަގީޗާގައި ހުރި ކޮށްޓަކަށް ލައިގެން ގެންގުޅުމަށްފަހު، 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކިނބޫ ސިފައިންގެ ބެލުމުގެ ދަށުން އެހެން ތަނަކަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން އޭރު ވަނީ ބުނެފައެވެ. ނަމަވެސް އެކަމާބެހޭ އިތުރު އެއްވެސް މައުލޫމާތެއް އޭގެފަހުން ހާމަކޮށްފައެއް ނުވެއެވެ.