އެންޓި ކޮރަޕްޝަން ކޮމިޝަން

ފުރަތަމަ ތިން މަހުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަ: އޭސީސީ

ޝަހީދާ އަބްދުﷲ ސައީދު

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން މި އަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ މައްސަލަތައް ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިއަދު ބުނީ، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 65 މައްސަލައެއް ބަލައި ނިންމާފައިވާކަމަށެވެ.

2018 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވޭ 160 މައްސަލައެއް ބަލައި ނިންމާފައިވެއެވެ.

އެކޮމިޝަނުން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން، ގާނޫނާއި ގަވާއިދާ ޚިލާފުވި ކަމަށް ތުހުމަތުކުރެވޭ 63 މައްސަލައެއް ނިންމާފައިވާއިރު، ނާޖާއިޒު ފައިދާ ހޯދުމުގެ 26 މައްސަލައެއް ނިންމާފައިވެއެވެ.

މީގެއިތުރުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ތުހުމަތުކުރެވޭ ތިން މައްސަލައެއް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ވަނީ ބަލައި ނިންމާފައެވެ.