ހުޅުމާލެއިން ގޯތި ދޫކުރެވޭނެ ވަކި ތާރީޚެއް އަދި ނޭނގޭކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނާސިފު ވިދާޅުވެއްޖެއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ނާސިފު ވިދާޅުވީ ހުޅުމާލެއިން ދޫކުރުމަށް ނިންމި 400 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމީ ބިމާބެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. އެހެން ނަމަވެސް ގޯތި ދޫކުރުމާމެދު މިވަގުތު އަދި ވަކި އެއްޗެއް ވިދާޅުވާން ނޭނގޭކަމަށް ނާސިފު ވިދާޅުވިއެވެ. ހުޅުމާލެއިން 400 ގޯތި ދޫކުރަން ނިންމައި އެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ އެޗްޑީސީއާ ހަވާލުކޮށްފައެވެ.
ހުޅުމާލެއިން ވިއްކާ 400 ގޯތި ވިއްކުމަށް ނިންމާފައި ވަނީ އަކަ ފޫޓެއް 300 ރުފިޔާ އާއި، 400 ރުފިޔާ ދެމެދުގެ އަގެއްގައެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށްފަހު 10 އަހަރު ދުވަހަށް ބަހާލައިގެން، އެފައިސާ އެޗްޑީސީއަށް ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަި މީގެއިތުރުން މާކެޓް ރޭޓުގައި ހުޅުމާލެއިން 100 ގޯތި ވިއްކުމަށް ވެސް ސަރުކާރުން ނިންމާފައިވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމުގެ ހުއްދަ އެޗްޑީސީގެ ބޯޑުން ދީފައިވާއިރު، ގޯތީގެ އަގު ކަނޑައެޅީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުންނެވެ.