އެޗްޑީސީ

ހިޔާ ފުލެޓްތަކުގެ މަހު ކުލި ކުޑަކުރަން މަސައްކަތް ކުރާނަން، ފުލެޓްތައް ނިމޭނީ އަންނަ އަހަރުގެ މާރިޗު މަހު: އެޗްޑީސީ

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ މަހު ކުއްޔަށް ނަގަން ނިންމާފައިވާ 11000 ރުފިޔާ ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ފުލެޓްތަކުގެ މަސައްކަތާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ކުރީގެ ސަރުކާރުން ފުލެޓުތަކުގެ މަހު ކުލީގެ ގޮތުގައި 11،000 ރުފިޔާ ނަގަން ނިންމާފައިވީ ނަމަވެސް، އެ އަގު ކުޑަކުރުމަށް މިހާރު ސަރުކާރާ ވާހަކަދައްކަވަމުން އަންނަ ކަމަށެވެ.

އަދި ފުލެޓްތަކަށް މިހާރު ނަގާ ޖުމްލަ އަގަކީ 82،000 ޑޮލަރު ކަމަށާއި މިއީ ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސުހައިލު ވިދާޅުވީ 7000 ފްލެޓްގެ ޕްރޮޖެކްޓްގެ ސްޓަކްޗާ އަށް ބޮޑެތި ބަދަލުތަކެއް މިހާރު ނެގެސްފައިވާ ކަމަށާއި، އެ ޕްރޮޖެކްޓް ނިމޭއިރު ހުންނާނީ 6860 ފްލެޓް ކަމަށެވެ.

އަދި މީގެ އިތުރުން މިހާރު ފުލެޓްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ފިނިޝިން މަސައްކަތް ކަމަށް ސުހައިލު ވިދާޅުވިއެވެ. ސުހައިލު ވިދާޅުވި ގޮތުގައި މަސައްކަތް އެއްކޮށް ނިންމައި އަންނަ އަހަރުގެ މާރިޗު މަހު ފުލެޓަށް ވަދެވޭނެ އެވެ.

އަދި މިއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށާއި އެޕާޓްމަންޓެއްގައި ހުންނާނީ 550 އަކަފޫޓު ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 25 ބުރިއަށް އިމާރާތް ކޮށްފައި ހުރި މިއިމާރާތުގައި ބޮލޮކެއްގައި 450 ފްލެޓް ހުންނާނެ ކަމަށާއި ބްލޮކެއްގައި ގާތްގަނޑަކަށް 2000 މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ.

ސުހައިލު ވިދާޅުވީ މިހާރު ހުރިހާ ހަރަދުތަކެއް ހިމެނިގެން މި ކޮންޓްރެކްޓް ނިމޭއިރު ޔުނިޓަކަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ. މި ޕްރޮޖެކްޓަކީ ފައިނޭންސް ކުރުމަށް 100 ޕަސަންޓު ދަރަނީގެ ގޮތުގައި ނެގޭ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ.

އެގޮތުން، މި ޕްރޮޖެކްޓަށް އިކިއުޓީގެ ގޮތުގައި ނެގޭ 15 ޕަސަންޓުގެ ލޯނު ނަގާފައިވަނީ ސްވިސް ބޭންކުންނެވެ. 85 ޕަސެންޓުގެ ލޯނު ނެގީ އައިސީބީސީ ބޭންކުން ކަމަށާއި އަދި އިކިއުޓީގެ ގޮތުގައި އެޗްޑީސީގެ ނަމުގައި 65.1 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކަރުގެ ގެރެންޓީގައި ނަގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލެޓްތަކުގެ އަގު ކުޑަކުރެވޭނީ ސަބްސިޑީއެއް ލިބިގެންނެވެ.

އަދި ކުރީގެ ސަރުކާރުން އާންމުކުރި ފުލެޓް ލިސްޓް އަލުން ރިވިއު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.