ދުނިޔެ

ވެއްޓުނު ލަޔަން އެއާ ފްލައިޓުން ދަތުރުކުރީ 189 މީހުން، އެއްވެސް މީހަކު އަދި ނުފެނޭ

މުހައްމަދު އައުޒަމް

އިންޑޮނޭޝިއާގެ ޖަކާޓާއިން ބަންކާ ބެލިޓަންގް އައިލެންޑްސްގެ މައި ސިޓީ ޕަންގަލް ޕިނަންގްއަށް ދަތުރުކުރި ލަޔަން އެއާގެ ފްލައިޓުން ދަތުރުކުރީ ފަޅުވެރީންނާ އެކު ޖުމުލަ 189 މީހުން ކަން ކަށަވަރުވެފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސީއެއެން އިން ރިޕޯޓުކޮށްފއިވާ ގޮތުގައި ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދާ ދެ ނޯޓިކަލް މޭލު ދުރުން އެ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކަކާއި ފޯނެއް ވަނީ ފެނިފަ އެވެ.

އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގުގައި ބޮޑަށް ލަފާ ކުރެވެނީ މޫދަށް ވެއްޓުމާ އެކު ފްލައިޓް ފަޅައިގެން ގޮސް އަޑިޔަށް ގޮސްފައިވާ ކަމަށެވެ. ފްލައިޓް ވެއްޓުނު ސަރަހައްދަށް މޫސުން އެހާ ގޯސް ނޫން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

2013 ވަނަ އަހަރު ބާލީގެ ނޯރަން ރާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެސް ލަޔަން އެއާގެ ފްލައިޓެއް މޫދަށް ވެއްޓުނެވެ. އެހެން ނަމަވެސް އެފަހަރު ފްލައިޓުން ދަތުރުކުރި 108 މީހުން ވަނީ ސަލާމަތް ވެފަ އެވެ. ހަމަ އެހެންމެ 2004 ވަނަ އަހަރު ވެސް ޖައްސަން އުޅުމުގެ ތެރޭގައި ލަޔަން އެއާގެ ފްލައިޓެއް ބިންދައިގެން ގޮސް އެ ފްލައިޓުން ދަތުރުކުރި 25 މީހުން މަރުވެފައިވެ އެވެ.