މުހައްމަދު އައުޒަމް
ވިމް ޓޮޕް50 ޕްރޮފެޝަނަލް އެންޑް ކެރިއަރ ވުމަން ކޮންފަރެންސް އަންނަމަހު ލަންކާގައި ބާއްވަން ނިންމައިފިއެވެ.
ވުމަން އިން މެނޭޖްމަންޓް ވިމްއިން ބާއްވާ ދެވަނަ ޓޮޕް50 ޕްރޮފެޝަނަލް އެންޑް ކެރިއަރ ވުމަން ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ގޯލް ފޭސް ހޮޓަލުގައި އަންނަމަހު 25 ވަނަ ދުވަހުއެވެ. "ބީންގ އަ ކޯޕަރޭޓް އެތްލީޓް އެޓް ވޯކް" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި ތަފާތު ނުވަ މައުޟޫއަކަށް އެދާއިރާތަކުގެ ތަޖުރިބާކާރުން އެކުލެވޭ ޕެނަލްތަކުގައި ވާހަކަދެއްކުމަށް ވަނީ ހަމަޖައްސައިފައެވެ.
މިކޮންފަރެންސްގެ ޕެނަލްތަކުގެ ތެރެއިން "ގެޓިންގ އެލޯންގ ވިތް މެން އެޓް ދަ ވޯކް ޕްލޭސް" ގައި ވަން އޮންލައިންގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މިޕެނަލްގައި އެކި ދާއިރާތަކުން ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ޕެނަލް ޗެއަރ ކުރެއްވުމަށް ހަމަޖައްސާފައިވަނީ ލަންކާގެ އެންޓީބީ ބޭންކުގެ އެސިސްޓަންޓް ވައިސް ޕްރެސިޑެންޓް އަސިތާ ޕިންނަޑުވާއެވެ.
އެއް ދުވަހުގެ މުައްދަތަށް ކުރިޔަށް ގެންދާ ޓޮޕް50 ޕްރޮފެޝަނަލް އެންޑް ކެރިއަރ ވުމަން ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ދިވެހީން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލައިފައެވެ. ކޮންފަރެންސްގައި ބައިވެރިވާން ބޭނުން ފުޅުވާ ފަރާތްތަކުން ވިމްގެ ހޮޓްލައިން 7946687 އަށް ގުޅުއްވުމުން އިންތިޒާމް ހަމަޖެހޭނެ ކަމަށް އެފަރާތުން ބުނެއެވެ.
މިކޮންފަރެންސްގެ ރާއްޖޭގެ މީޑިއާ ޕާޓްނަރަކީ ވަންއޮންލައިން އެވެ.
ވިމެން އިން މެނޭޖްމަންޓް (ވިމް) އަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ލަންކާގެ ވަޒީފާގެ ދާއިރާތަކުގައި އަދި ވިޔަފާރީގެ ދާއިރާތަކުގައި އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރަމުންއަންނަ ވިމްގެ ގޮފިތައް ލަންކާގެ އިތުރުން ރާއްޖެ އަދި ކެނެޑާގައި ހުރެއެވެ. ވިމެން އިން މެނޭޖްމަންޓް (ވިމް) ގެ ރާއްޖޭގެ ގޮފި ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ރާއްޖޭގެ އެކިދާއިރާތަކުން އަންހެނުން ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގަމުން ދެއެވެ.