ދުނިޔެ

އެމެރިކާ ރުޅިއާއި ބިރުވެރިކަމުގައި ތިން ދުވަސް

މުހައްމަދު އައުޒަމް

އެމެރިކާގައި މިދިޔަ ބުދަ ދުވަހު ވަނީ ކަޅު ނަސްލުގެ ދެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފައެވެ. ހުކުރު ދުވަހު ވަނީ އެމެރިކާގެ އިސް އޮފިޝަލުން ތަކަކަށް ބޮން އެކުލެވޭ ޕާރުސަލުތަކެއް ފޮނުވި މީހާ ހައްޔަރު ކޮށްފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ވަނީ ދީނީ އެއްވުމެއްގައި ތިބި ބަޔަކަށް ބަޑީގެ ހަމަލާއެއްދީ 11 މީހުން މަރާލާފައެވެ.

މިއީ އެމެރިކާގައި ވޭތުވެދިޔަ ތިން ދުވަހު ހިނގައިފައިވާ ބިރުވެރި ހާދިސާ ތަކެވެ. ހުރިހާ ހާދިސާތަކެއްގެ ފަހަތުގައި ވެސް ވަނީ ރުޅިވެރިކަމެވެ. އެހެން މީހުން ގަބޫލުކުރާ ގަބޫލު ކުރުންތަކާ ދެކޮޅަށް ކުރިޔަށް ދިޔަ ލޭ އޮހޮރުވުންތަކެވެ.

ހޮނިހިރުދުވަހު ނޫސްވެރިންނާ ބައްދަލުކުރުމަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ވަރަށް ދެރަކަންތައްތައް ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ އާއި އެހެން ގައުމުތަކުގައި އެކަކު އަނެކަކަށް ރުޅި އައުން މިއީ ކީއްވެ ވާކަމެއްތޯ ވިދާޅުވެ، ޓްރަމްޕް ވަނީ ސުވާލު އުފައްދައިފައެވެ.

އެމެރިކާގައި ފާއިތުވެދިޔަ 72 ގަޑިއިރުތެރޭ ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު ފެނިގެން ދަނީ ބަޔަކު ނުވަތަ މީހަކު ދެކެ އަންނަ ރުޅީގައި ހަމަލާދީ މަރާލާ މަންޒަރެވެ. ނުވަތަ ބިރުދެއްކުމުގެ ތަފާތު ކަންކަން ކުރެވިގެން ދާ މަންޒަރެެވެ.

ބުދަދުވަހު ކަޅު ނަސްލުގެ ދެ މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލުން


އެމެރިކާގެ ޖެފާސަންޓައުންގައި ހުންނަ ޗާޗަކަށް ނުވަދެވުނު މީހަކު އައި ރުޅީގައި ކައިރީގައި ހުރި ފިހާރައެއްގެ ތެރޭގައި ހުރި ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލިއެވެ. އަދި ފަހުން ވަނީ ކައިރީގައި ހުރި ޕާކިން ލޮޓެއްގައި ހުރި ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ވެސް ބަޑިޖަހައި މަރާލައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 51 އަަހަރުގެ އެ މީހާއަކީ ކުށް ކުރުމުގެ ރެކޯޑު އޮތް މީހެކެވެ. ކުރިން ސިކުނޑީގެ އުނިކަމެއް ހުންނަކަމަށް ރެކޯޑުކުރެވިފައިވާ އެ މީހާއަށް ވަނީ ނަސްލީ ފުރައްސާރަ ކުރިކަމުގެ ކުށުގައި ތަފާތު އެކިފަހަރު މަތީން ނަސޭހަތް ދީފަވެ. އަދި އެއީ ގެވެށި އަނިޔާގެ ގިނަ މައްސަލަތަކެއްގެ ރެކޯޑު އޮތް މީހެެއް ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ހުކުރުދުވަހު އެމެރިކާގެ އިސް އޮފިޝަލުން ތަކަކަށް ބޮން އެކުލެވޭ ޕާރުސަލުތަކެއް ފޮނުވި މީހާ ހައްޔަރު ކުރުން


މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އެމެރިކާގެ އިސް ބައެއް އޮފިޝަލުންނާއި މަޝްހޫރު ފަރާތްތަކަށް ގޮތް ނޭނގޭ ޕާރުސަލްތަކެއް ލިބެން ފެށިއެވެ. ނަމަވެސް އެ ޕާރުސަލްތަކުގައި ޕައިޕް ބޮން ހުރިކަމަށް ބަލައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. މި ޕާރުސަލްތައް ވަނީ ބިލިއަނަރު ޖޯޖް ސޯރޮސް އަދި އެމެރިކާގެ ކުރީގެ ސެކްރެޓަރީ ހިލަރީ ކްލިންޓަން އަދި ކުރީގެ ރައީސް ބަރަކް އޮބާމާ އަށް އެޑްރެސްކޮށް އެބޭފުޅުންގެ ގެތަކަށް ވެސް ފޮނުވައިފައެވެ. އަދި ސީއެންއެންގެ ނިއުޔޯކުގައި ހުންނަ މައި އިދާރާއަށް ވެސް ބޮމުގެ ޕާރުސަލެއް ވަނީ ލިބިފައެވެ.

އެފްބީއައި އިން ކުރި ތަހުގީގަކަށް ފަހު ވަނީ އެކަމުގެ ފަހަތުގައި ހުރި މީހާ ހައްޔަރުކޮށްފައެވެ. އޭނާ ވަނީ 14 ޕާރުސަލް މެއިލް ކޮށްފައިވާ ކަމަށް އެއްބަސް ވެފައެވެ. އަދި އޭގެން އެއްވެސް ބޮމެއް ނުގޮވާނެކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ. ބޮމުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާ ހައްޔަރުކުރެވުނީ އޭނާ ދިރިއުޅެމުން ދިޔަ ވޭންއާ އެކުއެވެ. ވޭންގެ ބޭރުގައި އޭނާ ވަނީ ޓްރަމްޕްއަށް ތައުރީފު ކޮށްފައިވާ ލިއުންތަކެއް ހިމެނޭ ޕޯސްޓަރުތަކެއް ހިއްޕާފައެވެ. އަދި ހިލަރީގެ އިތުރުން އޮބާމާގެ ފޮޓޯވެސް ވޭންގައި ހުރި ޕޯސްޓަރުތަކުގެ ތެރޭގައި ހުއްޓެވެ. ވޭނުގެ ބޭރުގައި އޭނާ ސީއެންއެން ދެކެ ރުޅި އަންނަ ކަމަށް ލިޔެފައިވާ ޕޯސްޓަރެއް ވެސް ހިއްޕާފައި ހުއްޓެވެ.

ހޮނިހިރުދުވަހު ދީނީ އެއްވުމެއްގައި ތިބި ބަޔަކަށް ބަޑީގެ ހަމަލާއެއްދީ 11 މީހުން މަރާލުން


އެމެރިކާގެ ޕިޓްސްބަގްގައި ހުންނަ ދީނީ އެއްވުން ބާއްވާ އިމާރާތެއްގެ ތެރޭގައި މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ވަނީ 11 މީހުން މަރުވެ ހަ މީހުން ޒަހަމްވެފައެވެ. މި ހަމަލާތައް ދިން 46 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވާއިރު އޭނާއަކީ ދީނީ ގޮތުން އޭނާ ގަބޫލުކުރާ ކަންކަން ގަބޫލު ނުކުރާ މީހުންނާ ދެކޮޅު ވާހަކަތައް މީސްމީޑިއާގައި ލިޔަމުންދާ މީހެއް ކަމަށް އޮފިޝަލުން ބުނެއެވެ. އެފްބީއައި އިން އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެމެރިކާގައި ވޭތުވެދިޔަ ތިންދުވަހު މިހިނގައި ދިޔަ ކަންކަމުގެ ފަހަތުގައި ވަނީ އެކަކު އަނެކަކު ދެކެ އަންނަ ރުޅީގައި އަނިޔާވެރިކަން އިސްކުރުން ކަމަށް ފާހަގަކުރެވޭއިރު މިކަން ހުއްޓުވުމަށް އެމެރިކާގެ ގާނޫނުތައް ހަރުދަނާކުރަން ޖެހޭ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން އަންނަނީ ބުނަމުންނެވެ.