މާފުށީ ޖަލުގައި ހިންގާފައިވަނީ ލާއިންސާނީ، އަނިޔާވެރި އަމަލުތަކެއް ކަމަށް ބުނެ، އަނިޔާވެރިވި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީން) އިން ގޮވައިލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި ބައެއް ގައިދީންނަށާއި ކަރެކްޝަނަށް ސާވިސްގެ އޮފިސަރުންނަށް އަނިޔާވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ހަމަނުޖެހުންތަކުގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އެކަން ކުށްވެރިކޮށް ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހު މާފުށި ޖަލުގައި ބައެއް ގައިދީންނާ މެދު އަމަލު ކޮށްފައިވަނީ ގާނޫނު އަސާސީއާއި ޖަލުތަކާ ޕެރޯލް ގާނޫނާ ހިލާފަށް، އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއަހަދާތަކާ ހިލާފަށް ކަމަށެވެ.
އަދި ޖަލުތަކުގައި ތިބި ގައިދީންނަށް އެފަދަ އަނިޔާތައް ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
މިސަރުކާރު ވެރިކަމަށް އައީ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލައި، އަނިޔާ ނުދޭނެ ކަމަށް ވައުދުވުމަށްފަހު ކަމަށާއި ވެރިކަމަށް އައުމަށްފަހު މިފަދަ ކަންކަން ހިންގުމަކީ ސަރުކާރުގައި އެ ވައުދު ފުއްދުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް ނެތްކަން އަންގައިދޭ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.
ޖަލުތަކުގައި އެފަދަ ލާއިންސާނީ އަމަލުތައް ހިންގުމަށްފަހު އެކަން އޮއްބައިލަން ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ބަޔާނުގައި ބުނީ ޖަލުގައި މިފަދަ ލާއިންސާނީ އަމަލުތަކެއް ހިނގާފައިވާއިރު ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުގައި ހިނގާ މިދިޔަ ހަތް މަސް ދުވަހުގެ މުއްދަތުގައި އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ އެޗްއާރުސީއެމުން މި ކަމާ ގުޅޭ ދެފުށް ފެންނަ މިނިވަން ތަހުގީގެއް ހިންގައި އެ އަމަލުތައް ހިންގި ފަރާތްތައް ޖަވާބުދާރީކޮށް، އެ ފަރާތްތަކަށް ލިބެން ޖެހޭ ހައްގު އަދަބު ދިނުމަށް ގޮވައިލާ ކަމަށެވެ.
ޖަލުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކާ ބެހޭ މައުލޫމާތުތައް އެއްވެސް އޮޅުވާލުމެއް ނެތި ރައްޔިތުންނާ ހިއްސާ ކުރުމަށާއި ގާނޫނާއި ގަވާއިދުގެ ތެރެއިން ގައިދީންނަށް ލިބިދޭން ޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ވެސް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.