މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ

ހޯމް މިނިސްޓަރާއި ކަރެކްޝަންގެ ވެރީން ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި

އިބްރާހިމް ޒަކީ

މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ގައިދީންނަށް އަނިޔާކުރި ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން ފާސް ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޖަލުުގައި ހިނގައިދިޔަ ކަންތައްތަކާބެހޭގޮތުން، މިއަދު ބޭއްވި އެ ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި، އެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމުގެ އިތުރުން ޖަލުގެ ހާދިސާއާ ގުޅިގެން، ހޯމް މިނިސްޓަރާއި، ކަރެކްޝަން ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނުން ޖަލަށް ޒިޔާރަތްކޮށް އެ ކުލަވައިލި ރިޕޯޓްތައް ކޮމިޓީން ބަލައި އެ މައްސަލަ ސާފު ކުރުމަށްވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.

މި ކަންތައްތައް ކޮމިޓިން ފާސްކުރީ، ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުންނެވެ.

ޖަލުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ވެސް މިއަދު މެންދުރު ބާއްވަން ވަނީ ނިންމައިފައެވެ.

އަދި މިހާދިސާއާ ގުޅުގެން ހިއުމަންރައިޓްސް ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވެސް މިއަދު ވަނީ ޖަލަށް ވަޑައިގެންފައެވެ.