އާއިލާއާއި ބެހޭ ކޯޓު

ފެމެލީ ކޯޓުގެ މުވައްޒަފު ވަޒީފާއިން ވަކިކުރީ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެގެން

ފެމެލީ ކޯޓުގެ ލީގަލް އެސިސްޓަންޓް ވަޒީފާއިން ވަކި ކުރީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެގެން ކަމަށް އެ ކޯޓުން ބުނެފިއެވެ.

ފެމެލީ ކޯޓުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނި ގޮތުގައި ފެމެލީ ކޯޓުގައި އެސިސްޓަންޓް ލީގަލް އޮފިސަރުގެ ވަޒީފާގައި އުޅުނު، އަލީ ސައީދު 18 ޖޫން 2019 ގައި ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާއާއި ދެކޮޅަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރަ ކުރިކަމުގެ ކުށް ސާބިތުވެގެންނެވެ.

އެ ކޯޓުން ބުނި ގޮތުގައި ކޯޓުގެ އަންހެން މުވައްޒަފަކަށް އަލީ ސައީދު ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މިއަހަރުގެ މެއި މަހުގެ ދޭއްގައި ފޮނުވާފައެވެ. އަދި އޭނާގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވަނީ އެ ޑިޕާޓްމަންޓުން ހިންގި ތަހުގީގުގެ ނަތީޖާގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.

މީގެ އިތުރުން އަލީ ސައީދު މަގާމުން ވަކިކޮށްފައިވަނީ އޭނާ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާ މައްސަލައެއް ނުވަތަ ޝަކުވާއަކާއި ގުޅިގެން ނޫންކަމަށް ވެސް ފެމެލީ ކޯޓުން ބުނެއެވެ.