ރާއްޖެއާއި ލަންކާގެ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އިވެލުއޭޝަން މިއަދު ނިންމާލައިފިއެވެ.
ލަންކާގެ އިވެލުއޭޝަން ކުރިއަށްދިޔައީ ރަމަޑާ ކޮލަމްބޯގައެވެ. އަދި ސަޓާގެ ރާއްޖޭގެ އިވެލުއޭޝަން ކުރިއަށްދިޔައީ މޫކައި ހޮޓެލުގައެވެ. ސަޓާ އިވެލުއޭޝަނަށް ދެކުނު އޭޝިޔާގެ އެކި ގައުމުތަކުން 500 އަށްވުރެ ގިނަ ހުށަހެޅުންތައް ވަނީ ހުށަހަޅައިފައެވެ.
ސަޓާގެ އިވެލުއޭޝަން ޓީމު ދެން ދަތުރުކުރާނީ ސައުތު އިންޑިއަން އިވެލުއޭޝަނަށް ބެންގަލޫރަށެވެ. ސައުތު އިންޑިއަން އިވެލުއޭޝަން ކުރިއަށްދާނީ ދަ ޗެންސެރީ ޕެވިލިއޮން ހޮޓަލުގައެވެ.
އޭޝިއާ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސަޓާ އެވޯޑަށް އަންނަ މަހުގެ 10ގެ ނިޔަލަށް އާންމުންނަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
އެ އެވޯޑުގައި މިފަހަރު 500 އަށްވުރެ ގިނަ ޓްރެވަލް އެންޑް ޓުއަރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓްވެފައެވެ. އެ އެވޯޑުގެ ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ އެ އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.