ޝަހީދާ އަބްދުﷲ ސައީދު
ފަނޑިޔާރުގެ އިސްލާހުކުރަން ލިބުނު ފުރުސަތު ގެއްލިފައިވާކަމަށާއި ފަނޑިޔާރުގެ އިސްލާހުކުރުމަށް މިވަގުތު އޮތް ގޮތަކީ ފަނޑިޔާރުން މަޑުން ތިބުން ކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރު ހާތިފު ހިލްމީ ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު ހާތިފު ހިލްމީ މިފަދައިން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަނޑިޔާރު ހާތިފު ވިދާޅުވީ ކުރަން އުޅޭ މަސައްކަތް އޮޅުންއަރާފައިވާ މިވަގުތު، ފަނޑިޔާރުންގެ ނަމުގައި އެކި ފަރާތްތަކުން ވާހަކަދައްކަމުންދާތީ އޭނާގެ ހިޔާލު މިވަގުތު ހާމަކުރަން ބޭނުންވީ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވެފައިވަނީ ފަނޑިޔާރުންނަށް، ފަނޑިޔާރުގެ އަމިއްލައަށް އިސްލާހުކުރަން ލިބުނު ފުރުސަތާއި ވަގުތު ފާއިތުވެ ގޮސްފައިވާކަމަށެވެ.
އަދި ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ އިތުބާރު އޮތް މުއައްސަސާތަކަށް ކަމަށްވާތީ އެމަސައްކަތްތަަކަށް އެއްބާރުލުމާއި މަދަދުވެރިކަން ދީގެން މަޑުން ތިބުމަށްވުރެ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް މިވަގުތު ކުރެވިދާނެ އިތުރު ކަމެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ހާތިފު ވިދާޅުވިއެވެ.
އަދި މީގެއިތުރުން ޝަރުއީ ދާއިރާ ރިފޯމް ކުުރުމުގެ ނަމުގައި ފޯރަމެއް ބާއްވައި އަމިއްލައަށް މަގު ޗާޓެއް އެކުލަވާލައި، ކުރިން ކަމުނުގޮސްގެން އުވާލި ޖުޑީޝަލް ކައުންސިލްގެ ނަމުގައި އާ ޖުޑީޝަލް ކައުންސިލެއް އުފައްދައި، ވުޖޫދުވި ޖުޑީޝަލް ކައުންސިލުން ފަނޑިޔާރުންގެ އާ ޖަމިއްޔާއެއް އުފެއްދުމަށް މަސައްކަތް ފެށިކަން އޭނާ ފާހަގަކުރެއްވި އެވެ.
އަދި އެތައް އަހަރެއް ވަންދެން ނިދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާއެއް ސުވާލު އުފެދޭ ގޮތަށް ކުއްލިއަކަށް ހޭލާފައިވަނީ އަދުލުވެރިކަން ނުފެންނާތީ، އެކަން ހައްލުކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަނިކޮށް ކަމަށްވެސް ފަނޑިޔާރު ހާތިފު ވިދާޅުވިއެވެ.