މިދިޔަ އަހަރުގެ މެއި މަހު ކައިވެނި ކުރި މޭގަން މާކަލް އަދި ޕްރިންސް ހެރީ ގެންދަވަނީ ފަަލަ ސުރުހީތަކުން ޖާގަ ހޯއްދަވަމުންނެވެ. ދެބޭފުޅުންނަށް މިހާރު ވަނީ ކުއްޖަކުވެސް ލިބިވަޑައިގެންފައެވެ.
ޕްރިންސް ހެރީ ވަނީ ދަރިފުޅަކު ލިބިވަޑައިގަތުމާ އެކު ޝާހީ ޒިންމާތައް އަދާކުރެއްވުމަށް މަސައްކަތަށް ނުކުންނަވަން ފައްޓަވައިފައެވެ. މޭގަން އަދިވެސް ހުންނެވީ މެޓާނަޓީ ލީވް ގައެވެ. އަދި ވަރަށް އަވަހަށް ޕަބްލިކް އެންގޭޖްމަންޓްތައް ފައްޓަވާނެ ކަމަށް ވެއެވެ.
މޭގަން އަދި ޕްރިންސް ހެރީ ވަނީ ވަރަށް ފަހުން، ކައިވެނީގެ އެނިވާސަރީވެސް ފާހަގަ ކުރައްވައިފައެވެ. ކުރިއަށް ދެން އޮތީ މޭގަންގެ 38 ވަނަ އުފަންދުވަހެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ރާނީ އެލިޒަބަތް މިވަނީ ސްކޮޓްލޭންޑް ގައި ހުންނަ އެބޭފުޅުންގެ ބަލްމޯރަލް އެސްޓޭޓްއަށް ވަޑައިގަތުމަށް މޭގަން އަށް ދައުވަތު ފޮނުއްވާފައެވެ. އެއީ މޭގަން ގެ 38 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އެރުވި ދައުވަތެކެވެ. ބަލްމޯރަލް އެސްޓޭޓް އަކީ ޗުއްޓީ ހޭދަކުރެއްވުމަށް ރާނީ އެންމެ ހިތްޕުޅާވާ އެއް ތަނެވެ. އެހެން ކަމުން އެތަނަށް މޭގަން އަށް ދައުވަތު އެރުވުން ވެގެން ގޮސްފައިވަނީ ވަރަށް ބޮޑު ކަމަކަށެވެ.
މޭގަން އެ ދަތުރު ވަޑައިގަންނަވާ ނަމަ، އެވާނީ އެބޭފުޅުންގެ ދަރިފުޅު އާޗީގެވެސް ފުރަތަމަ ޗުއްޓީ ދަތުރުފުޅަށެވެ.
ޝާހީ އާއިލާއާ ގުޅުން އޮތް މީހެއް "ދަ ސަން" އަށް ބުނިގޮތުގައި ރާނީ އެލިޒަބަތް އަދި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް މޭގަން އަދި ޕްރިންސް ހެރީ ދެކެ ވަރަށް ލޯބިފުޅު ވެއެވެ. އޭގެ އިތުރުން އެބޭފުޅުންގެ މާމަ އަދި ކާފަ ދަރި އާޗީ ދެކެވެސް އެހާމެ ލޯބިފުޅުވާކަމަށެވެ. އެބޭފުޅުންނަށް ބަލްމޯރަލް އެސްޓޭޓަށް ދައުވަތު އެރުވީވެސް އެހެން ވެގެނެވެ. ހާއްސަ ވުމުންނެވެ. މިއީ އެރުވޭ ވަރަށް ބޮޑު ޝަރަފެެކެވެ.
މޭގަން ގެ އުފަންދުވަހަކީ އޯގަސްޓް ހަތެރެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާރުއްސުރެ މޭގަން އަށް އަޅާނެ ކޭކަކާ މެދު ވެސް މަޝްވަރާތައް ވަނީ ފެށިފައެވެ.
މޭގަން އަދި ޕްރިންސް ހެރީ މަސައްކަތަށް ނުކުންނެވުމުގެ ކުރީން މިހާރު ވަނީ ބޭބީ އާޗީ ބެލުމަށް ނެނީއެއް ހަމަޖައްސަވައިފައެވެ. ބޭބީ އާޗީ ލިބިވަޑައިގަތުމުން ޝާހީ އާއިލާގެ ހުރިހާ ބޭފުޅުން ތިއްބެވީ ވަރަށް އުފާފުޅުވެފަ އެވެ