އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރައްވާނެ ތާރީޚަކަމާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދިވަޑައިގަތުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
އާމިރު މިހެން ވިދާޅުވީ އިންތިޚާބީ ރައީސް ހުވާކުރައްވާނެ ތާރީޚެއް ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އާމިރު ވިދާޅުވީ އާ ރައީސް ހުވާކުރައްވާނެ ތާރީޚަކާ މެދު ޚިޔާލު ތަފާތުވެ ވަކި ގޮތަކަށް ނިންމަން މަޖިލީހަށް އެޖެންޑާކޮށްގެން ކުރިޔަށް ގެންދާ އިރު، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. މި މައްސަލައާ މެދު މެންބަރުން ނިންމަވާ ގޮތެއްގެ ސަބަބުން ފަހުން ދިމާވެދާނެ ގޮތަކާ މެދު ވަރަށް ފުންކޮށް ވިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.
"މީ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ވެސް ގޮތްތަކެއް ނިންމަވައިފައިވާ ކަމެއް. މިއަދު އަޅުގަނޑުމެން ނިންމާ ނިންމުން ވެގެން ދާނީ ފަހަށް ދޫކުރެވޭ މިސާލަކަށް. އެހެންކަމުން މަޖިލީހުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރީން އެކަމަށް ވިސްނަން ޖެހޭނެ." އާމިރު ވިދާޅުވި އެވެ.