އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނާއިބު ރައީސް ނެތް ހާލަތެއްގައި ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަަލަހައްތަވާ މެންބަރުން އަލުން ތަރުތީބު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެފަހަރު މަޖިލީހަށް ހުށަހެޅުމުންވެސް އެ މައްސަލަ މަޖިލިސް ޖަލްސާއަށް އެޖެންޑާ ނުކުރުމަށް ކުރިއަށްދިޔަ ކަންތަކާ ގުޅިގެން އެމްޑީޕީ މެންބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ބޮޑެތި ކަންތައްތަކެއް ވަނީ ހިނގައިގެން ގޮސްފައެވެ. އޭރު ވެސް މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް މަޖިލިސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން އޮތީ ކަނޑައަޅައިފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ރައީސް ކަމުގައި އެ ހާލަތުގައި މަޖިލިސް ޖަލްސާގެ ރިޔާސަތު މުޅިންވެސް ބަލަހައްޓަވަމުން ގެންދަވާފައި ވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ މިހާރުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އަފީފު ނުހިމަނައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން އަލުން އެކުލަވައިލެއްވިކަން އިއުލާން ކުރައްވައިފައެވެ.
މަޖިލީހުގެ ރިޔާސަތުގެ އެންގެވުމެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލިސް ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން ކަނޑައަޅުއްވައި އިއުލާންކުރެއްވި ފަހުން ކަމަށެވެ.
އެހެންކަމުން މަޖިލިސް ރައީސް އާއި މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރިވާ ހާލަތުގައި، ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލިސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން އަލުން ކަނޑައަޅައި އެކަން އިއުލާން ކުރެއްވީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މަޖިލިސް ރައީސާއި ނާއިބު ރައީސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުން ކަނޑައަޅަން ވާނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން މަޖިލީހުގެ މެދުކެނޑުމެއްނެތި އެންމެ ގިނަދުވަހު ހިދުމަތްކުރެއްވި މެންބަރުންގެ ތެރެއިން ކަމަށް، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ފަސް މެންބަރުންގެ ތަރުތީބު ކަނޑައަޅަން ވާނީ އެ މެންބަރުންގެ ތެރެއިން މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެން ކަަށް، މަޖިލިސް ގަވާއިދުގެ 44 (ނ) ގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން މަޖިިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ށ)ގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރުންގެ ނަން 44 ވަނަ މާއްދާގެ (ނ)ގެ ދަށުން ތަރުތީބު ކުރެއްވުމުގައި ބައްލަވާފައި ވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) އާއި މަޖިލިސް ގަވާއިދުގެ 44 ގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުންގެ ތެރެއިން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މި މެންބަރުންގެ ނަންތަކުގެ ތަރުތީބު ކަނޑައަޅާފައި ވަނީ މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި (ނ) ގައިވާގޮތުގެމަތިން މެންބަރުންގެ މެންބަރު ކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށެވެ.
"މެންބަރުންގެ ހިދުމަތުގެ މުއްދަތު ހަމަހަމަވެފައިވާ ނަމަ ތަރުތީބު ކޮށްފައި ވަނީ އަދި އެ މެންބަރެއްގެ މުއްދަތު ހަމަހަމަވެފައިވާ ގޮތުގެ ތަރުތީބު ކޮށްފައި ވާނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މެންބަރުންގެ އުމުރުގެ ދޮށިކަމަށް އިސްކަން ދީގެން،" އަސްލަމް ވިދާޅުވިއެވެ.