ޚަބަރު

މެމްބަރު އާމިރު ހައްޔަރުކުރީ ޗެކް ޕޮއިންޓަކަށް މަޑުކުރަން އެންގުމުން މަޑުނުކޮށް، އަމުރަށް ނުކިޔަމަންތެރިވުމުން: ފުލުހުން

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އާމިރު ރޭ ހައްޔަރުކުރީ ފުލުހުންގެ ވެހިކަލް ޗެކިން ޕޮއިންޓަކަށް މަޑުކުރަން އެންގުމުން، މަޑުނުކޮށް އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ދެ ފުލުހަކު ވެގެން އާމިރު ވަރަށް އަނިޔާވެރި ގޮތަކަށް ހައްޔަރުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެކަމާ ގުޅޭ ގޮތުން "ވަން" އިން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ރޭ 12:55 އެހާކަންހާއިރު ވެހިކަލް ޗެކިން ޕޮއިންޓް ޖަހައި ފުލުހުން އުޅަނދުތައް ޗެކް ކުރަމުންދިޔައިރު ހިތިގަސްމަގުން އުތުރުން ދެކުނައް އާމިރު ސައިކަލުގައި ދަނިކޮށް، މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ހަޑި ހުތުރުބަހުން ފުލުހުންނާ މުހާތަބުކޮށް ނުރައްކާތެރިކޮށް އަދި ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދިއުމުން ފުލުހުންގޮސް އޭނާގެ ސައިކަލް ހުއްޓުވި ކަމަށެވެ.

އަދި އޭނާއާ ސުވާލުކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލް ޓޯ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސައިކަލު ޓޯ ކުރީ އޮފިޝަލް ވިދާޅުވި ގޮތުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި އަމުރަށް ނުކިޔަމަންތެރިވުމުންނެވެ.