އެޗްޑީސީ

މާލެ ހުޅުމާލެ ލިންކުރޯޑުގެ މަގުދެބައިތައް ކޮންކްރީޓަށް ބަދަލުކޮށް، ލިބުނު ގެއްލުމުގެ ބަދަލު ހޯދަނީ

މުހައްމަދު އައުޒަމް

މާލެ ހުޅުމާލެ ލިންކުރޯޑުގެ މަގުދެބައިތައް ކޮންކްރީޓަށް ބަދަލުކޮށް، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ނިންމައިފިއެވެ.

މާލެ ހުޅުމާލެ ލިންކުރޯޑުގައި ފަހަކަށް އައިސް ހިނގާ އެކްސިޑެންޓްތަކުގައި މާލެ ހުޅުމާލެ ލިންކުރޯޑުގެ މަގުދެބައިތަކަށް ލިބޭ ގެއްލުމުގެ ސަބަބުން އޭގެ ބަދަލުގައި ކޮންކްރީޓުން މަގުދެބައިތައް ހެދުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލެ ހުޅުމާލެ ލިންކުރޯޑުގެ މަގުދެބައި ތަކަކީ ޕީވީސީ މެޓީރިއަލް އިން ހަދާފައި ހުންނަ އެއްޗެއް ކަމަށްވެފައި އެކްސިޑެންޓުގައި މަގުދެބައިތަކުގައި ޖެހި ލިބޭ ގެއްލުމަށް ހައްލެއް ހޯދުމަށް މަގުދެބައިތައް ކޮންކްރީޓުން ހަދަން ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެން ފުލުހުންނާ މަޝްވަރާ ކުރުމަށްފަހު މިނިންމީ މާލެ ހުޅުމާލެ ލިންކުރޯޑުގައި ހުރި މަގު ދެބައިތައް ކޮންކްރީޓަށް ބަދަލު ކުރުމަށް. މިމަސް ނިމި އަންނަމަސް ފެށޭކޮޅުގައި މަސައްކަތް ފެށޭނެކަމަށް މިބަލަނީ." ސުހައިލް ވިދާޅުވިއެވެ.

ސުހައިލް އިތުރަށް ވިދާޅުވީ މިހާރު ވެސް ލިންކް ރޯޑުގެ އެކިތަންތަނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ލިބުނު ގެއްލުންތަކުގެ ބަދަލު އިހުމާލުވެފައިވާ ފަރާތްތަކުން ހޯދުމަށް އެދިފައިވާކަމަށެވެ.

މާލެ ހުޅުމާލެ ލިންކުރޯޑުގެ އަރިމަތީގައި ޖަހާފައިވާ ފެންސުތަކަށް ވެސް ވަަނީ އެކްސިޑެންޓް ތަކުގައި ގެއްލުން ވެފައެވެ. ސުހައިލް ވިދާޅުވީ ފެންސުތަކަށް ލިބިފައިހުރި ގެއްލުން ރަނގަޅުކުރުމަށް ހަލާކުވެފައި ހުރި ތަންތަން ބަދަލުކުރަން ޖެހޭކަމަށެވެ. ނަމަވެސް މި ފެންސަކީ ރާއްޖެއިން ލިބެން ނުހުންނަ ފެންސަކަށްވުމުގެ އިތުރުން ކޮންޓްރެކްޓަރުންވެސް ފެންސު ގެނެސްފައިވަނީ ލިންކު ރޯޑަށް ބޭނުންވާ ވަރަށް އެކަނި ކަމަށެވެ. އެހެން ކަމުން ކޮންޓްރެކްޓަރު މެދުވެރިކޮށް މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސުހައިލް ވިދާޅުވި އެވެ.

މާލެ ހުޅުމާލެ ލިންކުރޯޑު އަދި ލިންކު ރޯޑުގެ ހުޅުމަލެ ގުޅޭ މަގުތަކުގައި ގިނަ އަދަދަކަށް ވިނަ ހެދި މަގަށް ވިނަ އަރަމުން ދާތީ އިއްޔެއިން ފެށިގެން އެޗްޑީސީން ވަނީ ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.